ޚަބަރު
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުނީ އެމްޑީޕީ ވެރިކަމުގައި ފައިސާ ޗާޕުކުރުމުން: މެންބަރު އަޒާން
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން / ފޮޓޯ: މަޖިލިސް
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ، 2020 އިން 2023 ގެ ނިޔަލަށް 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. އެ މުއްދަތުގައި ޑޮލަރުގެ އަގު ކުއްލިއަކަށް އުފުލިގެން ނުދިޔައީ ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދު ހުއްޓި، ޑޮލަރަށް އޮތް ޑިމާންޑު އާދަޔާ ހިލާފަށް ދަށްވުމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން އަޒާން ވިދާޅުވީ، 2020 ވަނަ އަހަރު އިމްޕޯޓަށް ކުރި ހަރަދު 2019 އާ އަޅާބަލާއިރު 1 ބިލިއަން ޑޮލަރު މަދުވި ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން ދަތުރުފަތުރު ހުއްޓި، ބޭރަށްދާ މީހުން ކުރާ ހަރަދު 333 މިލިއަނުން 108 މިލިއަނަށް ދަށްވި ކަމަށާއި، ބިދޭސީން ބޭރަށް ފޮނުވާ ރެމިޓެންސް ފައިސާވެސް 595 މިލިއަނުން 396 މިލިއަން ޑޮލަރަށް މަދުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އިޤްތިސާދު އެއްކޮށްހެން މަޑުޖެހިފައި އޮތް މި ދުވަސްވަރުގައި ފައިސާ ޗާޕުކޮށް ސާކިއުލޭޝަނަށް ނެރުމުން، އެ ދުވަސްވަރު ކުއްލިއަކަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިގެން ނުދިޔައީ މި ސަބަބުތަކާ ހެދި.
އަޒާން ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައިއެމްއެފްގެ ހިސާބުތަކުން ދައްކާގޮތުން 2020 ސެޕްޓެމްބަރުގައިވެސް ޑޮލަރުގެ އަގު ވަނީ 30 އިންސައްތަ އުފުލިފައެވެ.
އަޒާން ވިދާޅުވީ އިޤްތިސާދު އަލުން ހިނގައިގަތުމުން ޑޮލަރުގެ ޑިމާންޑު ބޮޑުވެ، ޗާޕުކުރި ފައިސާގެ ނޭދެވޭ އަސަރު ފެންނަން ފެށީ ކަމަށެވެ. މިކަމުގެ އިންޒާރު އައިއެމްއެފް އާއި ވޯލްޑް ބޭންކުން ކުރިން ދީފައިވާކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު، ޗާޕުކުރި ފައިސާ "މޮޕް އަޕް" ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ވެރިކަން ނިމުނުއިރުވެސް އެކަން ކޮށްފައިނުވާ ކަމަށް އަޒާން ތުހުމަތު ކުރެއްވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެ، ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާކަން ފާހަގަކުރައްވަމުން އަޒާން ވިދާޅުވީ، މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާ ފެންނަން އަހަރުތަކެއް ނަގާފާނެ ކަމަށެވެ. އަދި މިހާރު ޑޮލަރުގެ ތާށިކަން ކުރިމަތިވީ އެމްޑީޕީ ސަރުކާރުން 2021 ގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހުމާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އައި ލޮޅުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން 10 ދުވަސް ތެރޭގައި ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކުރަން ގޮވާލަމުންދާ ދިއުމަށް ރައްދު ދެއްވަމުން އަޒާން ވިދާޅުވީ، އެއީ އިޤްތިސާދީ ކަންކަން ނޭނގޭތީ ނުވަތަ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ދައްކާ ވާހަކައެއް ކަމަށެވެ.