Ads by Farudhun

ޚަބަރު

ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު 172 އިންސައްތަ އިތުރުވެއްޖެ

ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ޑޮލަރު ވިއްކި މިންވަރު 172 އިންސައްތަ އިތުރުވެއްޖެ

އެމްއެމްއޭ---

farudhun logo

ފަރުދުން

14 އޯގަސްޓު 2026، 02:57

14 އޯގަސްޓު 2026، 02:57

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖޫން މަހާ އަޅާބަލާއިރު ނިމިދިޔަ ޖުލައި މަހު ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި، ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އަދި އުމްރާގެ ދަތުރުތަކަށް ޚާއްޞަކޮށްގެން ޖުލައި މަސްތެރޭގައި ޑޮލަރު ވިއްކި މިންވަރު ވަނީ ޖޫން މަހާ އަޅާބަލާއިރު 172 އިންސައްތަ އިތުރުވެފައެވެ. މިގޮތަށް ޑޮލަރު ވިއްކި މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު، މަރުކަޒީ ބޭންކަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ. މީގެ އިތުރުން، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ގިނަ ބަޔަކު ރާއްޖޭން ބޭރަށް ދަތުރުކުރުމުގެ ސަބަބުން ޑޮލަރަށް އޮންނަ ޑިމާންޑް އާދަޔާޚިލާފަށް ބޮޑުވި މަހެއްކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

މި ބަދަލުތަކާއެކު، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ، އެ އިދާރާއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. ރާއްޖޭގެ ރަސްމީ ރިޒަރވަށް ބަލާއިރު، ޖުލައި މަސް ނިމުނުއިރު ރިޒަރވް ވަނީ 686.8 މިލިއަން ޑޮލަރުން 638.0 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ.

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމަށާއި، ބާޒާރުގައި ހުރި ތަދިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެމްއެމްއޭއިން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސިޔާސަތުގެ ދަށުން، އާންމުކޮށް ކޮންމެ ހަފްތާއަކު ވިއްކާ މިންވަރަށްވުރެ 51 އިންސައްތަ އިތުރު އަދަދެއް ބޭންކުތަކަށް ދޫކުރާނެއެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޓީޓީ އަދި އެލްސީ  ހެދުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދީ، އިޤްތިޞާދީ ހަރަކާތްތަކަށް މަގުފަހިކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450