ކުޅިވަރު
ކަންމަތި އެފްސީއިން މާލެ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ތަށި އުފުލާލައިފި
ކަންމަތި އެފްސީއިން ތަށި އުފުލާލުން / ފޮޓޯ: މިޔަޓް
މާލެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މިޔަޓް ފުޓްސަލް ފިއެސްޓާ 2026ގެ ފޯރިގަދަ ފައިނަލް މެޗުގައި އަޕޮކަލިޕްސް އެސްސީ 1-0 އިން ބަލިކޮށް، މަލްޓި އެކްސް ކަންމަތި އެފްސީން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކ. ތުލުސްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ޖަހައިދީ ކަންމަތި އެފްސީއަށް ތަށި ކާމިޔާބުކޮށްދިނީ މެޗުގެ 24 ވަނަ މިނެޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ)އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އަރިމަތިން ބޯޅަ ހިފައިގެން ގޮސް، އިދިކޮޅު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.
މިއީ ކަންމަތި އެފްސީން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2018 އަދި 2019 ވަނަ އަހަރުވެސް އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. އަޕޮކަލިޕްސް އެސްސީން މެޗަށް ނުކުތީ 2022 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު ދެވަނަ ފަހަރަށް ތަށި ހޯދުމުގެ އުންމީދުގައެވެ.
މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ އިން އިންތިޒާމުކުރާ މި މުބާރާތަކީ ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދިޔަ މުބާރާތެކެވެ. ކަންމަތި އެފްސީގައި ގައުމީ ފުޓްސަލް ޓީމުގެ ހަތަރު ކުޅުންތެރިން ހިމެނުނުއިރު، އެ ޓީމުގެ ކެޕްޓަނަކީ 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރަސްގެފާނުގެ ލަގަބު ހޯދި މުޙައްމަދު ޔާމީންއެވެ. އަދި އެ ޓީމުގެ ގޯލް ބެލެހެއްޓީ ތަޖުރިބާކާރު ކީޕަރު ތޮލާލް ހަސަނެވެ. އަޕޮކަލިޕްސް ޓީމުގައިވެސް ހުސައިން ޝަރީފް (އޮންލީ) އާއި މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕްގެ ރަސްގެފާނު، އަހުމަދު އަފްލާޒްގެ އިތުރުން މުހައްމަދު ވިލްފް ފަދަ މޮޅު ކުޅުންތެރިން ހިމެނުނެވެ.
މުޅި މުބާރާތުގައި ކަންމަތި އެފްސީން 30 ލަނޑު ޖަހާފައިވާއިރު، އަޕޮކަލިޕްސްއިން ވަނީ 25 ލަނޑު ޖަހާފައެވެ. ފައިނަލް މެޗުގައި އަޕޮކަލިޕްސްއިން ނަތީޖާ އެއްވަރުކުރުމަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކަންމަތި ޓީމުގެ ކީޕަރު ތޮލާލް ވަނީ އެ ހަމަލާތައް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ފައިނަލަށް ދިޔަ ދެ ޓީމަށްވެސް ވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ "ކިންގްސް ކަޕް" އިން ފުރުސަތު ލިބިފައެވެ. މިއީ ރާއްޖޭގެ ފުޓްސަލް މައިދާނުގައި ކުރިއަށް ދިއުމަށް ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.