ރިޕޯޓް
އަލްއުސްތާޛު އަޙްމަދު ޝާކިރުގެ ޚިދުމަތުގެ ދިގު ތާރީޚު ފަވާލެވިފައި ވަނީ ރަން އަކުރުން
އަލްއުސްތާޛު އަޙްމަދު ޝާކިރު---
ދިވެހި ޤައުމުގެ ތާރީޚާއި، އަދަބިއްޔާތާއި، ދައުލަތުގެ ޚިދުމަތުގައި ނުހަނު އިޚުލާޞްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަލްއުސްތާޛު އަޙްމަދު ޝާކިރު (މއ. ކަށިމާ) ގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މަނިކުފާނަށް "ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް" އަރުވައިފައެވެ. މިއީ އެ މަނިކުފާނު ވޭތުވެދިޔަ 55 އަހަރަށްވުރެ ދިގު މުއްދަތުގައި އެ މަނިކުފާނު ޤައުމަށް ކޮށްދެއްވި ބުރަ އަދި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކަށް ދައުލަތުން ދެއްވި އެންމެ މަތިވެރި އިޙުތިރާމެވެ.
ދިގު މުއްދަތެއްގެ ސަރުކާރުގެ ޚިދުމަތް
އަލްއުސްތާޛު އަޙްމަދު ޝާކިރު ދައުލަތުގެ ޚިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވިއެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލުކަމާއި، ޝިޕިންގ މާސްޓަރކަމާއި، ޑިރެކްޓަރ ޖެނެރަލްކަން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވިއެވެ. ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، 12 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ވިލާ ކޮލެޖުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރެއްގެ ގޮތުގައިވެސް ވަނީ ޚިދުމަތް ކުރައްވައިފައެވެ.
އަދަބީ ދާއިރާއަށް ވަދެވަޑައިގަތުން
ޝާކިރުގެ އަދަބީ ޙަޔާތް ފެށިގެން އައީ ސަރުކާރުގެ ޗާޕުޚާނާއިންނެވެ. އެއީ އެ މަނިކުފާނަށް ދިވެހި އަދީބުންނާއި ހުނަރުވެރި ލިޔުންތެރިންނާ ބައްދަލުވެ، އެ ދާއިރާއަށް ލޯހުޅުވިގެންދިޔަ ތަނަވަސް ފުރުސަތެކެވެ. 1970 ގެ އަހަރުތަކުގައި ރާއްޖެއިން ރޯމަސް ގަންނަން އައި ޖަޕާނުގެ މަރުބޭނީ ކޯޕަރޭޝަންގެ ހޯކޯމާރޫ 56 އަށް ސަރުކާރުން ފޮނުއްވި ދިވެހި 5 އޮފިޝަލުންގެ ތެރޭގައިވެސް ހިމެނިވަޑައިގަތުމުގެ ފުރުސަތު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ލިބުން ވެގެންދިޔައީ ދިވެހިބަހުގެ އަދަބިއްޔާތުގެ ލިޔުންތެރިކަމާއި، ތަރުޖަމާކުރުމާއި، ޅެން ހެއްދެވުމުގެ ރޮނގުން ކުރިއަށް ވަޑައިގަތުމަށް ލިބިވަޑައިގެންނެވި އިތުރު ފުރުސަތެއް ކަމުގައެވެ. އެގޮތުން އެ ބޯޓުގައި އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު، "ގިވްމީ ބެކް މައިހާޓް" ވާހަކަ "އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދޭށެވެ" ނަމުގައި ތަރުޖަމާ ކުރެއްވިއެވެ. އަދި ހަމައެހެންމެ، އެ ދަތުރުގައި ޖަޕާނު ބަސް ދަސްކުރައްވައި، ސަތޭކައަށްވުރެ ގިނަ ބައިތުގެ ޅެންތައް ހައްދަވައި "ވިޔަފާރި މިއަދު" ނޫހުގައި ޝާއިޢުކުރެއްވިއެވެ.
ފަންނުވެރިކަމާއި މީޑިއާގެ ޚިދުމަތް
ތަމްސީލު ކުޅުއްވުމުގެ ދާއިރާގައި ޝާކިރަކީ ފާހަގަކޮށްލެވޭ މުމައްސިލެކެވެ. މަޖީދިއްޔާގެ ރަން ޔޫބީލް ތަމްސީލުތަކާއި، އޮލިމްޕިއަންސްގެ ޝޯތަކުގައި އެ މަނިކުފާނު ވަނީ މުހިންމު ރޯލުތަކެއް އަދާކުރައްވައިފައެވެ. ފަހުން ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީ.ޑީ.އެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ބޭއްވެވިއެވެ. ޓެލެވިޜަން މޯލްޑިވްސް ވުޖޫދައް އައި ދުވަސްވަރު އެ ސްޓޭޝަނުގެ ވަޒީފާއަށް ގުޅިވަޑައިގަތުމަށްފަހު، ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ މަޤާމުގައި މަސައްކަތްކުރައްވަމުން "ޣާޒީ ބަންޑާރައިން" ފިލްމުގައި ޙަސަން ތަކުރުފާނުގެ ބައި އަދާކުރެއްވުމުގެ އިތުރުން، "ދޮންހިޔަލައާއި އަލިފުޅު" ފަދަ މަޝްހޫރު އެތައް ފިލްމަކާއި ޑްރާމާއެއްގެ ސްކްރީންޕްލޭ ލިޔުއްވިއެވެ.
ތާރީޚު ލިޔުއްވުމާއި ޢިލްމީ ޚިދުމަތް
ދިވެހި ތާރީޚު ދިރާސާކުރައްވައި ލިޔުއްވުމަކީ ޝާކިރުގެ އެންމެ ބޮޑު އެއް ޚިދުމަތެވެ. "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ސީރީޒްގެ ފޮތްތަކާއި، އިސްލާމްދީން ރާއްޖެއަށް އައިގޮތާއި، ޝަރުޢީ ނިޒާމާއި، ފައިސާގެ ތާރީޚު ފަދަ އެތައް މައުޟޫޢަކަށް ފޮތްތައް ލިޔުއްވިއެވެ. އެގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިވަޑައިގަތުމަކަށް ލިޔުއްވި "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" މި ފޮތާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު" ފޮތާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)އަށް ލިޔުއްވައިދެއްވި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު" ފޮތް ހިމެނެއެވެ. އަދި ރާއްޖޭގެ ބައެއް އިއްޒަތްތެރިންގެ ބައޮގްރަފީވެސް ވަނީ އެކުލަވައިލައްވައިފައެވެ. އަދި ރައީސް މައުމޫނުގެ ޚިދުމަތުގެ ފުރަތަމަ 15 އަހަރުގެ ތާރީޚު ފޮތްތައް ލިޔުއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ނަމުގައި 640 ސަފުހާ ހިމެނޭ އެއްޤަރުނުގެ ތާރީޚު ފޮތާއި، މި ސީރީޒްގެ އިތުރު 5 ވޮލިއުމްވެސް ލިޔުއްވައިފައި ވަނީ ކަށިމާ އަޙްމަދު ޝާކިރެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، އެ މަނިކުފާނަކީ އުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވައިފައިވާ، އަދި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ޢިލްމީ ބޭފުޅެކެވެ.
ލިބިވަޑައިގެންފައިވާ ޝަރަފުތައް
ޝާކިރުގެ ޚިދުމަތްތަކަށް ސަރުކާރުން ވަނީ އެކި ފަހަރުމަތިން އަގުވަޒަންކޮށްފައެވެ. އޭގެ ތެރޭގައި ތަމްސީލު ކުޅުމާއި ވާހަކަދެއްކުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، ތާރީޚުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހިމެނެއެވެ. ބައިނަލްއަޤްވާމީ ގޮތުން 2025 ވަނަ އަހަރު ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގައި "ޝަރަފުވެރި ރާވީ"ގެ މަގާމާއި އެވޯޑްވެސް ވަނީ ހާސިލުކުރައްވައިފައެވެ.
އަލްއުސްތާޛު އަޙްމަދު ޝާކިރަކީ ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މިއަދުވެސް އެ މަނިކުފާނު ހުންނެވީ ޤައުމީ ޚިދުމަތުގައެވެ. އެގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރުގެ މަގާމާއި، ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމު ފުރުއްވަމުން ގެންދަވަނީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެ މަނިކުފާނުގެ ޚިދުމަތަކީ ދިވެހި ތާރީޚުގައި ދުވަހަކުވެސް ފަނޑުވެގެންދާނެ ޚިދުމަތްތަކެއް ނޫނެވެ.