ރިޕޯޓް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފަރެސް އާމިރަކީ ފަނޑުވުމެއް ނެތް ނަމެއް

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފަރެސް އާމިރަކީ ފަނޑުވުމެއް ނެތް ނަމެއް

އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު---

farudhun logo

ފަރުދުން

15 އޯގަސްޓު 2026، 11:31

15 އޯގަސްޓު 2026، 11:31

ދިވެހިބަހާއި އަދަބިއްޔާތުގެ އުދަރެހުން ފެންނަ އެންމެ ތޫނުފިލި އެއް ތަރިއަކީ އަލްފާޟިލް މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް އާމިރު) އެވެ. ގދ. ފަރެސްމާތޮޑާއަށް އުފަން މުޙައްމަދު ޢާމިރަކީ ފާއިތުވި ތިން ދަހަރަކަށްވުރެ ގިނަ ދުވަހު ދިވެހި އަދަބިއްޔާތަށްޓަކައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. މި މަތިވެރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މުޙައްމަދު ޢާމިރު އަޙްމަދަށް ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ.

 

އަދަބީ ހަޔާތުގެ ފެށުން

މުޙައްމަދު ޢާމިރު އަޙްމަދު އަދަބިއްޔާތުގެ ދާއިރާއަށް ވެދެވަޑައިގެންނެވީ 1988 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ހިންގެވި ޅެން ހެދުމުގެ ކޯހުންނެވެ. އެއަށްފަހު ޅެންވެރިކަމުގެ އެޑްވާންސް ކޯސް ފުރިހަމަކުރެއްވިއެވެ. މި ދަތުރުގައި އޭނާގެ އެންމެ ބޮޑު މުދައްރިސަކީ ރާއްޖޭގެ ލާމަސީލު ޝާޢިރު އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅެވެ. ޢާމިރުގެ ޅެންވެރިކަމުގެ ބިންގާ އެޅިގެންދިޔައީ ކާމިޔާބީތަކަކުންނެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފާހަގަކުރި ޅެންވެރިންގެ ދުވަހު ބޭއްވި ޢިޝްޤީ ޅެންހެދުމުގެ މުބާރާތުން 3 ވަނަ، ވަގުތުން ޅެން ހެދުމުގެ މުބާރާތުން 2 ވަނަ، އަދި ޅެންހެދުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހޯއްދަވައި، އޭނާގެ ހުނަރުވެރިކަން މުޅި ޤައުމަށް ސާބިތުކޮށްދެއްވިއެވެ.

 

ތަޢުލީމީ ދާއިރާގެ ޚިދުމަތްތައް

ޢާމިރަކީ ހަމައެކަނި ޅެންވެރިއެއް ނޫނެވެ. އޭނާއަކީ ކުޅަދާނަ މުދައްރިސެކެވެ. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައި 17 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއިރު، ދިވެހިބަހުގެ މަންހަޖު އެކުލަވައިލުމާއި ފޮތްތައް ލިޔުއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މިހާރު ސްކޫލްތަކުގައި ބޭނުންކުރާ ގުރޭޑު 5، 8، 9، އަދި 10 ގެ ދިވެހި ފޮތްތަކާއި އަދަބިއްޔާތު ފޮތްތައް އެކުލަވައިލެއްވުމުގައި މުޞައްނިފެއްގެ ގޮތުންނާއި އެޑިޓަރެއްގެ ގޮތުން އޭނާ ކުރެއްވި މަސައްކަތްޕުޅަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

 

މީހުން ބިނާކުރުމާއި ތަމްރީނުދިނުން

އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި ޢާމިރު ކުރައްވާ އެންމެ ބޮޑު އެއް މަސައްކަތަކީ ޅެންވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމެވެ. ޤައުމީ ޔުނިވަރސިޓީގެ ޑިގްރީ ކޯސްތަކުގައާއި އެކިއެކި ކޮލެޖުތަކުގައި ޅެންވެރިކަން ކިޔަވައިދެއްވުމުގެ އިތުރުން، ސްކޫލްތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ތަމްރީނުތައް ދެއްވައެވެ. ޚާއްޞަކޮށް، ދިޔޯގެ ރައިވަރާއި ނައިބުތުއްތުގެ ފަލްސަފާތައް ދިރާސާކުރައްވައި، އެ މައުލޫމާތުތައް ދަރިވަރުންނަށް ފޯރުކޮށްދެއްވުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅަކީ އަގުހުރި މަސައްކަތެކެވެ.

 

ޤައުމީ ފެންވަރުގެ މަސައްކަތްތަކާއި ކާމިޔާބީ

1989 އިން 2022 އަށް ދިވެހިބަހުގެ ބަސްކޮމިޓީގައި ޚިދުމަތް ކުރެއްވުމާއި، 2014 އިން ފެށިގެން މިއަދާ ހަމައަށް ގަވާއިދު ކޮމިޓީގައި ދެއްވާ އެހީތެރިކަމަކީ ބަހުގެ ދިރުމަށްޓަކައި އޭނާ ކުރައްވާ މުހިންމު ޚިދުމަތްތަކެވެ. 1996 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ޢާމިރުގެ ޅެންތަކުގެ ތެރެއިން އެމް.އެން.ޑީ.އެފް. އަށް ހައްދަވައިދެއްވި "އިސްނަގާށޭ ދަރިންނޭ ޒުވާން" އަދި ޣައްޒާގެ ހާލަތަށް ހެއްދެވި "ކަރުނަޔާ ލޭގެ ޠޫފާން" އަކީ ފާހަގަކޮށްލެވޭ ޝާހީ އުފެއްދުންތަކެކެވެ.

މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޢަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަމަވެސް، މުޙައްމަދު ޢާމިރު އަޙްމަދަކީ އަދިވެސް އެންމެ ފުރަތަމަ ޅެންވެރިއެކެވެ. އޭނާގެ އެންމެ ބޮޑު އުފަލަކީ ދަރިވަރުންގެ ލޯތްބާއި އިޙްތިރާމެވެ. ފަރެސް އާމިރަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ބަގީޗާގައި ފަނޑުވުމެއް ނެތި ފޮޅެމުންދާނެ މަލެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450