ސައިންސް
އަލަށް ފެނުނު ބޮނޑު ގެ ބާވަތަކަށް "ހައުސް އޮފް ދަ ޑްރެގަން" ގެ ކެރެކްޓަރެއްގެ ނަން ދީފި
"އެކަންތޯސޯރާ ސައިރެކްސް" ބާވަތުގެ ބޮނޑު
ތައިލެންޑުގެ ހުޅަނގު ފަރާތުން މުޅިން އަލަށް ފެނުނު ބޮނޑު ގެ ބާވަތަކަށް، މަޝްހޫރު ޓީވީ ސިލްސިލާ "ހައުސް އޮފް ދަ ޑްރެގަން" ގައި ހިމެނޭ ޑްރެގަންއެއްގެ ނަމުން ނަން ދީފިއެވެ. މި ދިރޭ އެއްޗަށް ދީފައިވާ ނަމަކީ އެ ސިލްސިލާގެ ރާނީ ރެނީރާ ޓާގޭރިއަން ދުއްވާ ޑްރެގަން "ސައިރެކްސް" އަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.
ޖުލައި 31 ވަނަ ދުވަހު "ޒޫކީސް" ޖާނަލްގައި ޝާއިޢުކުރި ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުން، މި އައު ބާވަތަކީ "މައުންޓަން ހޯންޑް ޑްރެގަންސް" އާއިލާއަށް ނިސްބަތްވާ އެއްޗެކެވެ. މި ސޫފި ފެނިފައިވަނީ ތައިލެންޑުގެ މޭ ވޮންގް ސަރަހައްދުގެ އުސް ބިންތަކުގައިވާ ޖަންގަލިތަކުންނެވެ.
މި ދިރޭ އެއްޗަށް ސައިންސްވެރިން ދީފައިވާ ރަސްމީ ނަމަކީ "އެކަންތޯސޯރާ ސައިރެކްސް" (Acanthosaura syrax) އެވެ. ދިރާސާވެރިން ބުނާ ގޮތުގައި މި ނަން ދިނުމަށް ނިންމީ މިބޮނޑު ގައި ހުންނަ ރީނދޫ ކުލައާއި، އެ އާއިލާގެ އެހެން ބާވަތްތަކާ އަޅާބަލާއިރު ހުންނަ ކުޑަ ސައިޒާއި، އަދި ގިނަ އަދަދަކަށް ބިސް އަޅާ މިންވަރުގެ ސަބަބުންނެވެ. "ހައުސް އޮފް ދަ ޑްރެގަން" ސިލްސިލާގައި ސައިރެކްސް އަކީވެސް ރީނދޫ ކުލައިގެ، ކުޑަ ސައިޒުގެ އަދި ގިނަ ޑްރެގަންތަކެއްގެ މަންމައެކެވެ.
ދިރާސާވެރިން ލަފާދެނީ މި ބާވަތަށް އާންމު ނަމެއްގެ ގޮތުން "ސައިރެކްސް މައުންޓަން ހޯންޑް ޑްރެގަން" ކިޔުމަށެވެ. މި ބާވަތުގެ ޖަނަވާރުތަކަކީ އެސޮރުމެންގެ ކަރުން ފެށިގެން ބުރަކަށީގައި ކަށިތަކެއް ހުންނަ ބާވަތެކެވެ. މި އައު ހޯދުމާއެކު، ދުނިޔެއިން މިހާތަނަށް ފެނިފައިވާ "އެކަންތޯސޯރާ" އާއިލާގެ ބާވަތްތަކުގެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ.
މިހާތަނަށް މި ބާވަތް ފެނިފައިވަނީ ހަމައެކަނި މޭ ވޮންގް ސަރަހައްދުގެ އުސް ޖަންގަލިތަކުންނެވެ. އެހެންކަމުން، މި ސަރަހައްދު ހިމާޔަތްކުރުމަށް ދިރާސާވެރިން ދަނީ ގޮވާލަމުންނެވެ. އަދި މި އައު ބާވަތުގެ ސަބަބުން އެ ސަރަހައްދުގެ ދިރުންތައް ރައްކާތެރިކުރުމަށް ސައިންސްވެރިންނާއި އާންމުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމަށް އެ ފަރާތްތަކުން އުންމީދު ކުރެއެވެ.
މި އައު ބާވަތަށް "ސައިރެކްސް" ގެ ނަމުން ނަން ދީފައިވަނީ "ހައުސް އޮފް ދަ ޑްރެގަން" ގެ ދެވަނަ ސީޒަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އޮގަސްޓް 9 ވަނަ ދުވަހު އެ ސިލްސިލާގެ ދެވަނަ ސީޒަން ވަނީ ނިމިފައެވެ.