ޚަބަރު
ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ބޯހިޔާވަހިކަންދީފި
ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން. ފޮޓޯ؛ އެންޑީއެމްއޭ
ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އިން ވިދާޅުވެއްޖެއެވެ.
އެން.ޑީ.އެމް.އޭއިން ވިދާޅުވީ، 15 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި، ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅުނު 4 ދިވެހިންނަށް، ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސާދީފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ 3 އަންހެނުންނާއި ފިރިހެނެއް ކަމަށް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.
މީގެ އިތުރުން އެ އިދާރާއިން ވަނީ، އެ ހާދިސާގެ ސަބަބުން އެ ޢިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުންނަށް ދިރިނުއުޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު އެ ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތްކަމަށް ވެސް އެން.ޑީ.އެމް.އޭއިން ވިދާޅުވެއެވެ.
މާލޭ ހެންވޭރު ބޮޑުރަސްގެފާނު މަގުގައި ހުންނަ ހ. ފަހިވައިގޭގެ 7 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައި ރޭ 20:46 ހާއިރު ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި އެ އިދާރާއިން ކުރެއްވި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައިވަނީ ރޭ 21:25 ހާއިރުއެވެ.
މި ހާދިސާގައި އެ އިމާރާތުގެ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި، ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވީ ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ވަނީ އެކިވެރުގެ ގެއްލުންތައް ލިބިފައި ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ.