ވިޔަފާރި / ޚަބަރު

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ރާޢްޖޭގެ ރިސޯޓެއްގެ ވޯޓާ ވިލާ ޖެޓީ ފޮޓޯ: ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 12:33

16 އޯގަސްޓު 2026، 12:33

ރާއްޖޭގެ ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބެއް ކަމަށް ސަރުކާރުން ބަޔާންކޮށްފައިވަނީ، ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން އަދި އޮންލައިން ބުކިންގ ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމެވެ. އަދި މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަކީވެސް މި އިސްލާހުގެ މަޤްޞަދެކެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައިވާ ގޮތުން، މުދާ ފޯރުވައިދިނުމުގައި ޓްރާންސްޕޯޓް ކުރުން ހިމެނޭނަމަ އަދި އެ މުދާ ޓްރާންސްޕޯޓް ކުރަން ފަށާ ޤައުމަކީ ރާއްޖެ ކަމުގައިވާނަމަ، ނުވަތަ މުދާ ފޯރުވައިދޭ ފަރާތުން އެ މުދާ ރާއްޖޭގައި ލިބޭނެ ގޮތް ހަމަޖައްސާފައިވާނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ މުދާ ކަމުގައި ބެލެވޭނެއެވެ. މީގެއިތުރުން، އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ޚިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއްގެ ގޮތުގައި ބެލުމަށްވެސް ވަނީ ހިމަނާފައެވެ.

އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ނުވިނަމަވެސް، ޚިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ އެއީ ރާއްޖޭގައި ދިން ޚިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދިނުމާއި، އެފަދަ ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އެޖެންސީ ޚިދުމަތް ނުވަތަ ބުކިންގ ޚިދުމަތްތައްވެސް ހިމެނެއެވެ. މި ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓް ކަމަށް މާނަކޮށްފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި އަދި ދަތުރުފަތުރު ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، ރާއްޖޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދޭ ފަރާތްތަކުން ޖީއެސްޓީ ދެއްކުން ލާޒިމުވާނެއެވެ. އަދި މިފަދަ ފަރާތްތަކުގެ އަތުން ޖީއެސްޓީ ނަގަން ފަށާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީގެ އަންދާޒާއެއްވެސް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ އޮފްޝޯ ބުކިންގ ޕްލެޓްފޯމުތަކާއި، ޓުއަރ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ފެށުމުން، އަހަރަކު ގާތްގަނޑަކަށް 1.6 ބިލިޔަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450