ވިޔަފާރި / ޚަބަރު
އެމްއައިބީން ޑިޖިޓަލްކޮށް ބޭރު ޤައުމުތަކަށް ފައިސާ ފޮނުވޭނެ ޚިދުމަތް ތަޢާރަފުކޮށްފި
މޯލްޑީވްސް އިސްލާމިކް ބޭންކް ފޮޓޯ: އެޑިޝަން
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ކަސްޓަމަރުންނަށް ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން "ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަރނޭޝަނަލް ރެމިޓެންސް ޚިދުމަތެއް އެ ބޭންކުން ތަޢާރަފުކޮށްފިއެވެ.
މި ޚިދުމަތަކީ ބޭންކުގެ ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެމްއައިބީގެ "ފައިސާނެޓް" މެދުވެރިކޮށް ދުނިޔޭގެ 15 ޤައުމެއްގެ ބޭންކު އެކައުންޓްތަކަށާއި އިލެކްޓްރޯނިކް ވޮލެޓްތަކަށް ސީދާ ފައިސާ ފޮނުވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ޚިދުމަތެކެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ، މުޢާމަލާތްތައް ކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި، މި ޚިދުމަތުގެ ދަށުން ހުއްދަކުރެވިފައިވާ ބޭނުންތަކަށް ޓްރާންސެކްޝަނަކަށް 50 އެމެރިކާ ޑޮލަރާއި 5,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި "ފައިސާރެމިޓް" މެދުވެރިކޮށް ފޮނުވާ ގިނަ ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ އެދުވަހުން އެދުވަހަށް އެކައުންޓަށް ޖަމާވާނެއެވެ. ނަމަވެސް، ފައިސާ ފޮނުވާ ޤައުމާއި ލިބޭ ބޭންކަށް ބަލައި، ބައެއް ޙާލަތްތަކުގައި ގިނަވެގެން ދެ ދުވަސް ނަގާފާނެ ކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.
މީގެއިތުރުން، މި ޚިދުމަތަކީ ދެފުށް ފެންނަ އިތުބާރު ހުރި ނިޒާމަކަށް ހެދުމުގެ ގޮތުން، ޓްރާންސެކްޝަން ފުރިހަމަކުރުމުގެ ކުރިން މުހިންމު ހުރިހާ މަޢުލޫމާތެއް ކަސްޓަމަރަށް ފެންނާނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފައިސާ ލިބޭ ފަރާތަށް ލިބޭނެ ސީދާ އަދަދާއި، ޑޮލަރުގެ އަދަދު، ސަރވިސް ޗާޖުތަކާއި އެކްސްޗޭންޖް ފީ، އަދި އެކައުންޓުން ކެނޑޭނެ ޖުމްލަ ޢަދަދު ޔަޤީންކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
"ފައިސާރެމިޓް" މެދުވެރިކޮށް މިހާރު ފައިސާ ފޮނުވޭ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޫރު، ސްރީލަންކާ، ތައިލޭންޑް، ޔޫކޭ، ޔޫއެސްއޭ އަދި ވިއެޓްނާމް ހިމެނެއެވެ. އެހެންނަމަވެސް، ފައިސާ ފޮނުވޭ ޤައުމުތަކާއި، ފައިސާގެ ބާވަތްތައް އަދި ފައިސާ ދޫކުރާ ގޮތްތަކަކީ ޚިދުމަތް ހޯދާ ވަގުތު ލިބެން ހުންނަ އޮޕްޝަންތަކަށް ބަލައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.