Ads by Farudhun

ޚަބަރު

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ ނިމިއްޖެ: ބިނާރާ ބެހޭ ވުޒާރާ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ 55 އިންސައްތަ ނިމިއްޖެ: ބިނާރާ ބެހޭ ވުޒާރާ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފޮޓޯ: އެމްއޭސީއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 01:35

16 އޯގަސްޓު 2026، 01:35

މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ 55 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާ) އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް 11 ސައިޓަކަށް ބަހާލައިގެން ބާރަށް ކުރިއަށްދާއިރު، މިހާތަނަށް 556.54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ. މިއީ މުޅި މަޝްރޫޢުގެ %55.16 އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ތަޢާރަފުކުރި "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މުޅި މަޝްރޫޢު ނިމޭއިރު ރަސްމާލެއިން 65،000 ގެދޮރު ޔަގީންވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މީގެއިތުރުން، ރަސްމާލެ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް ބިނާރާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ. މި މާސްޓަރ ޕްލޭންގެ ދަށުން ރަސްމާލެ ފަރުމާކުރެވިގެންދާނީ ތިމާވެއްޓާ ރައްޓެހި، ފުރިހަމަ ޔުޓިލިޓީ ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އުޅެވޭނެ (އެކްސެސިބަލް) ސިޓީއެއްގެ ގޮތުގައެވެ.

ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 18 ޑިސެންބަރު 2023 ގައެވެ. އަދި މަސައްކަތްތައް އިތުރަށް އަވަސްކުރުމުގެ ގޮތުން އެމްއޭސީއެލްއާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވާ ލޮޅުންތަކާއެކު ބިން ހިއްކުމުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450