Ads by Farudhun

ޚަބަރު

ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެއިން ފިލާވަޅު ނަގައިގެން މާދަމާ ބިނާކުރުން: މަޖިލީހުގެ ރައީސް

ޤައުމީ ދުވަސް ފާހަގަކުރުމުގެ ބޭނުމަކަށް ވާންވާނީ އިއްޔެއިން ފިލާވަޅު ނަގައިގެން މާދަމާ ބިނާކުރުން: މަޖިލީހުގެ ރައީސް

ބާރަށުގައި ބޭއްވުނު ޖަލްސާގެ ތެރެއިން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޯގަސްޓު 2026، 02:20

16 އޯގަސްޓު 2026، 02:20

ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަގީގީ ބޭނުމަކަށް ވާންވާނީ އިއްޔެގެ ތާރީޚުން ފިލާވަޅު ލިބިގަނެގެން މާދަމާގެ މުސްތަޤުބަލު ބިނާކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. ބާރަށުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޤައުމީ ދުވަސް ފާހަގަކުރުމަކީ ހަމައެކަނި އެ ދުވަހާ ގުޅިފައިވާ ހާދިސާތަކުގެ ވާހަކަ ދެއްކުމާއި، ޤައުމީ ހެދުން އަޅައިގެން ކުޅިވަރު ކުޅުން ކަމުގައި ވާނަމަ، އެކަމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި މި ދުވަސް ފާހަގަކުރާއިރު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ހިންގެވި މަގުން ހިނގާނެ ގޮތްތަކާ މެދު ފުންކޮށް ވިސްނައި، އެމަނިކުފާނުގެ މަތިވެރި ޙަޔާތްޕުޅުން ޢިބުރަތް ޙާޞިލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަމިއްލަފުޅު ދިރިއުޅުއްވުމުގައި އާރާއި ބާރާއި ހަމަޖެހޭ ދިރިއުޅުމެއް އުޅުއްވުމުގެ ހުރިހާ ފުރުޞަތެއް އޮތް ނަމަވެސް، ބޮޑުތަކުރުފާނު ޤައުމާއި ދީނުގެ ޙައްޤުގައި ކުރެއްވި މަތިވެރި ޖިހާދުން ފެނިގެންދަނީ އެމަނިކުފާނުގެ ހިތްޕުޅުގައި ޖަހަމުންދިޔަ ޤައުމީ ވިންދާއި، އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތުވެވަޑައިގެންފައިވާ މިންވަރު ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ދަރިވަރުން ނަމޫނާއަކަށް ބަލަންވީ އެމަނިކުފާނުގެ މި މަތިވެރި ސިފަފުޅުތައް ކަމަށް ވެސް ވިދާޅުވިއެވެ.

އަމިއްލަ މަސްލަހަތާއި އަމިއްލަ ކުރިއެރުމުގެ ބަދަލުގައި މުޅި ޤައުމުގެ މަސްލަހަތާއި މުޅި ޤައުމުގެ މަންފާ ކުރިއަށް ނެރުއްވި ނެރުއްވުން އެއީ މިއަދުގެ ދަރިން މީގެން ލިބިގަންނަންވީ އިބުރަތަކީ. އެ މަނިކުފާނުގެ ޖިހާދީ އިލްހާމުން އަޅުގަނޑުމެން ހާސިލްކުރަންވީ އެތަކުރުފާނުގެ އެ ޖިހާދުގެ ފިލާވަޅުތަކުން އަޅުގަނޑުމެންގެ މާދަމާގެ މުސްތަގުބަލު އުޖާލާކުރަން،

      މަޖިލީހުގެ ރައީސް 

މީގެއިތުރުން، މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިންގެ އިތުރުންވެސް ދިވެހި ޤައުމުގެ ޙައްޤުގައި ޤުރުބާންވި އެތައް ދިވެހި އަބްޠާލުންނެއް ތިއްބެވިކަން ފާހަގަކުރައްވައި، އެ ބޭފުޅުންގެ ޒިކުރާ އަބަދުވެސް އައުކުރަންޖެހޭ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ބޮޑުތަކުރުފާނު ޢަމަލުކުރެއްވި ފަދައިން، މާޒީގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ ކުރިމަގު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ދުވަހަކީ ވަކި ބަޔަކަށް ޚާއްޞަ ދުވަހެއް ނޫން ކަމަށާއި، މިއީ އެންމެހައި ދިވެހި ރައްޔިތުންގެ ދުވަހެއްކަން ހަނދާންކޮށްދެއްވަމުން މަޖިލީހުގެ ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ޤައުމަށާއި މާތްވެގެންވާ އިސްލާމްދީނަށް ނުރައްކަލެއް ކުރިމަތިވެއްޖެ ޙާލަތެއްގައި، ޤައުމުގެ ދިފާޢުގައި ފަސްޖެހުމެއްނެތި ނުކުންނާނެ ވަފާތެރި ދަރިންތަކެއް ބިނާކުރުމަށް މިއަދު އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450