ކުޅިވަރު
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ބ އަތޮޅުގެ ޗެމްޕިއަންކަން އޭދަފުއްޓަށް
ބ އަތޮޅުގެ ޗެމްޕިއަން ޝީލްޑް އޭދަފުށިން އުފުލާލުން / ފޮޓޯ: ކްލަބް މޯލްޑިވްސް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ބ. އަތޮޅު ބުރުގެ ފައިނަލުގައި ތުޅާދޫ ބަލިކޮށް، އަމިއްލަ ފަސްގަނޑުގައި ކުޅުނު އޭދަފުށިން ބ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބ. އޭދަފުށީގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު އޭދަފުށިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށި ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފާސިރު (ފާއްޓެ) އަދި އިޝާން އިބްރާހީމް (ސައްޓު) އެވެ.
މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި އޭދަފުއްޓަށް ޖަހައިދިނީ ފާސިރެވެ. އަދި އޭދަފުށީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ލަނޑު ޖެހިތާ 47 ސިކުންތުގެ ތެރޭގައެވެ. ފާސިރު ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ އިޝާން އިބްރާހީމެވެ.
މެޗުގައި ތުޅާދޫން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، އޭދަފުށީގެ ޑިފެންސާއި އިންޑިއާގެ ޤައުމީ ފުޓްސަލް ޓީމުގެ ކީޕަރު ސިލްވާ އޮޒެން ވިވިއަން ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
މި މުބާރާތުގެ ބ. އަތޮޅު ބުރުގައި ޖުމްލަ 6 ޓީމު ވާދަކުރިއިރު، ތުޅާދޫ ފިޔަވައި އެހެން ހުރިހާ ޓީމެއްގައިވެސް ބިދޭސީ ކުޅުންތެރިން ހިމެނުނެވެ. ބިދޭސީ ކުޅުންތެރިއަކާ ނުލައި މުޅިންވެސް ދިވެހި ކުޅުންތެރިންނާއެކު ނުކުމެ ތުޅާދޫން ފައިނަލާ ހަމައަށް ދަތުރުކޮށް ދެއްކި ހިތްވަރަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.
ބ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ކިންގް އޮފް ބާ" ގެ މަޤާމު ހޯދީ އޭދަފުށީގެ އިޝާން އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އިޝާން އިބްރާހީމްގެ އިތުރުން އޭދަފުށީގެ މުޙައްމަދު ފާސިރު، އިމްތިޝާލް ޢަބްދުއްރަޙީމް، ތުޅާދޫގެ އުމުރުން 41 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޢާދިލް ޢަބްދުއްރަޙްމާން އަދި އެ ޓީމުގެ ކީޕަރު އިސްމާޢީލް ރަޝީދެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ދޮންފަނު ޓީމުގެ މޮންތަޒެމީ މުޙްސިން ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭދަފުށީގެ ކޯޗު މުޙައްމަދު ފުހައިދެވެ.
އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގައި އޭދަފުށި ވެގެން ގޮސްފައިވަނީ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫއަށް ފަހު، މި މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދި ދެވަނަ ޓީމަށެވެ.
ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުށި އަދި ރަނަރަޕް ތުޅާދޫ ދެން ވާދަކުރާނީ ނޯތު ޒޯން ބުރުގައެވެ. މި ބުރު ކާމިޔާބުކުރާ ޓީމުތަކަށް ރީޖަނަލް ބުރަށް ދަތުރުކޮށް، ދިވެހި ފުޓްސަލް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.