ޚަބަރު
ކެޔޮދޫގެ ވިޔަފާރިތަކަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިޔަށްގެންގޮސްފި
ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް
ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވ. ކެޔޮދޫގެ ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ކެޔޮދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މި މަހުގެ 12 އިން 13 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އެ ރަށުގައި ހިންގަމުންދާ ހުރިހާ ފިހާރަތަކަށާއި، ކެފޭ އަދި ރެސްޓޯރަންޓުތަކަށް ފުލުހުން ވަނީ ޒިޔާރަތްކޮށް، ވިޔަފާރިވެރިންނާއި މުވައްޒަފުންނަށް މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.
މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ ސްކޭމްތަކާއި، ތަފާތު ކުށްތަކުން ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން، އޮންލައިންކޮށާއި ސޯޝަލް މީޑިއާ މާކެޓްޕްލޭސްތަކުގައި ވިޔަފާރިކުރާ ކަމަށް ހެދިގެން އޮޅުވާލައިގެން މުދާ ހޯދަން އުޅޭ މީހުންގެ އަމަލުތައް ދެނެގަންނާނެ ގޮތްތަކާއި، އެފަދަ ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ މެސެޖުތައް ފާހަގަކުރާނެ ގޮތްތައް ފުލުހުން ވަނީ ކިޔައިދީފައެވެ.
މީގެއިތުރުން، ކާކުކަން ނޭނގޭ މީހުން ފޯނުން ގުޅައިގެން ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި އެމީހުން ދައްކާ ވާހަކަތަކަށް ނުހެއްލުމަށާއި، ސަމާލުވެ ރައްކާތެރިވެ ތިބުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ޝައްކުކުރެވޭ ފަދަ ފޯނު ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ދީފައެވެ.
ހަމައެއާއެކު، ވިޔަފާރިތަކުން ވައްކަމުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، ފިހާރަތަކުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބަލައި ފާސްކޮށްފައިވެއެވެ. އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، ތަނުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުން ވަނީ ވިޔަފާރިވެރިންނަށް އިރުޝާދު ދީފައެވެ.