ޚަބަރު
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަޝްރޫޢު ފަށައިފި
ފަރެސްމާތޮޑާގެ ބިން ހިއްކުން / ފޮޓޯ: އެމްޓީސީސީ
ގދ. ފަރެސްމާތޮޑާގެ ބިމުގެ ދަތިކަން ހައްލުކޮށް، އެ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ވަކިން އޮތް ދެ ރަށް އެއްކޮށްލުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް، އެ މަސައްކަތް އެއްކޮށް ނުނިމި ދެ ރަށް ދޭތެރޭގައި ނުގުޅި ގާތްގަނޑަކަށް 15 ވަރަކަށް ހެކްޓަރު އޮތެވެ. އެހެންކަމުން، މިހާރު ފަށައިގެން ކުރިއަށްދާ މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި ހިއްކަމުން ދަނީ އެ ދެ ރަށް ދޭތެރޭގައި އޮތް ސަރަޙައްދެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 142.6 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ސިޔާސަތަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގެ އިޤްތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
މި މަޝްރޫޢު ނިމުމުން ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ރަށުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ތަރައްޤީގެ އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.