ކުޅިވަރު / ދުނިޔެ
މިއީ ފަހު ސީޒަނަށް ވުން އެކަށީގެންވޭ: ރޮނާލްޑޯ
ރޮނާލްޑޯ ފޮޓޯ:އިންޓަނެޓް
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނަމުންދާ ކަމުގެ އިޝާރާތެއް ދީފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިކަން ހާމަކޮށްފައިވަނީ، އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްއާ އަންގާރަ ދުވަހު ކައިވެނިކުރުމަށްފަހު، 'ވޯގް' މަޖައްލާއަށް ދިން އިންޓަވިއުއެއްގައެވެ. ދާދިފަހުން ކައިވެނިކުރުމަށްފަހު، އޭނާ މިހާރު އިސްކަންދެނީ އާއިލާއާއެކު މުސްތަގުބަލު ބައްޓަންކުރުމަށެވެ.
މިއީ ފަހަރުގައި އަހަރެން ފުޓްބޯޅަ ކުޅޭނެ އެންމެ ފަހު އަހަރަށް ވުން އެކަށީގެންވޭ. އަހަރެން ބޭނުންވަނީ ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ މޮޅު ވާހަކައެއްގެ ގޮތުގައި މި ދަތުރު ނިންމާލަން،
ރޮނާލްޑޯ
އޭނާ އިތުރަށް ބުނެފައިވަނީ، މުސްތަގުބަލުގައި ކުރާނެ ކަންކަން މިހާރު ރާވާފައިވާ ކަމަށާއި، ފުޓްބޯޅަ ހުއްޓާލުމުން އަންނާނެ ހުސްކަން ފުރުމަށް އެކި ކަހަލަ ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދަތުރުފަތުރު ކުރުމާއި، އޭނާ ގަޔާވާ ކުޅިވަރެއް ކަމަށްވާ 'ޕެޑެލް' ކުޅުމާއި، ވޭތުވެދިޔަ 25 އަހަރު ކުރި ބުރަ މަސައްކަތުން ހޯދި ކާމިޔާބީތަކުގެ އުފާ އާއިލާއާއެކު ލިބިގަތުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
ރޮނާލްޑޯގެ ކެރިއަރަކީ ފުޓްބޯޅައިގެ ރަން ތާރީޚެކެވެ. ފަސް ފަހަރު ބެލޮންޑިއޯ އަދި ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ވަނީ އިންގްލެންޑް، ސްޕެއިން، އިޓަލީ އަދި ސައޫދީ އަރަބިއްޔާގެ ލީގު ތަށި އުފުލައިލާފައެވެ. އަދި އޭނާއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ވެސް މެއެވެ. ސީނިއާ ކެރިއަރުގައި 1،000 ލަނޑު ހަމަކުރުމަށް ރޮނާލްޑޯއަށް މިހާރު ބޭނުންވަނީ އެންމެ 24 ލަނޑެވެ.
ސައޫދީ ޕްރޯ ލީގުގެ އަލް-ނަސްރުގައި ވޭތުވެދިޔަ ހަތަރު އަހަރު ހޭދަކޮށްފައިވާ ރޮނާލްޑޯގެ ކޮންޓްރެކްޓުގައި މިހާރު ބާކީ އޮތީ އެއް އަހަރެވެ. ހޮނިހިރު ދުވަހު އަލް ފަތަހްއާ ދެކޮޅަށް އަލް-ނަސްރު ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވި ނަމަވެސް، އޭނާ ވަނީ އާއިލާއާއެކު ސްޓޭންޑުގައި އިނދެ އެ މެޗު ބަލާފައެވެ.
ރޮނާލްޑޯގެ ޒަމާންވީ ވާދަވެރިޔާ، އަދި އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ލިއޮނެލް މެސީ ވެސް ދާދިފަހުން ވަނީ އޭނާ ކުޅުން ހުއްޓާލާނެ ދުވަހެއް އަދި ޔަގީން ނުވާ ކަމަށް ބުނެފައެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި މެސީގެ އާޖެންޓީނާ ތަށި އުފުލައިލިއިރު، ރޮނާލްޑޯގެ ޕޯޗުގަލް ވަކިވާން ޖެހުނީ ގަދަ 16 އިންނެވެ. އޭނާގެ ހަވަނަ ވޯލްޑް ކަޕާ މެދު ސުވާލުކުރުމުން ރޮނާލްޑޯ ބުނެފައިވަނީ އެކަމާމެދު ގޮތެއް ނިންމާނީ އާއިލާއާ މަޝްވަރާކުރުމަށްފަހު، ހަމަޖެހިގެން ކަމަށެވެ.