Ads by Farudhun

ޚަބަރު

ބޭސް އެތެރެކުރުމާއި ސްޓޮކް ބެލެހެއްޓުމުގެ ނިޒާމަށް މީގެކުރިން އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވޭ: ޑރ ޝާޙް

ބޭސް އެތެރެކުރުމާއި ސްޓޮކް ބެލެހެއްޓުމުގެ ނިޒާމަށް މީގެކުރިން އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވޭ: ޑރ ޝާޙް

ޑރ ޝާޙް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 އޯގަސްޓު 2026، 02:09

17 އޯގަސްޓު 2026، 02:09

ރާއްޖޭގައި ބޭސް ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ މީގެކުރިން ބޭސް އެތެރެކުރުމާއި އޭގެ ސްޓޮކް ބެލެހެއްޓުމުގެ ނިޒާމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުން ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ބޭހުގެ ސްޓޮކް ހުސްވުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޒަމާނީ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ ފާމަސީއެއްގައި ބޭސް ހުރި މިންވަރު ވަގުތުން ދެނެގަނެވޭނެ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (އީއާރުޕީ) ސިސްޓަމަކާއި އީ-ލޮޖިސްޓިކްސް ނިޒާމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ކާމިޔާބުކަމާއެކު ނިމިފައިވާކަން އޭނާ ހާމަކުރެއްވިއެވެ.

ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އަދިވެސް 100 އެއްހާ ފާމަސިސްޓުން ބޭނުންވާކަން ފާހަގަކުރައްވައި ޑރ. ޝާހު ވިދާޅުވީ، ފާމަސީތަކުގައި މިވަގުތު ތިބި މުވައްޒަފުންގެ އަދަދު މަދު ކަމަށެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާ ގުޅިގެން ފާމަސިސްޓުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ބޭސް ފޯރުކޮށްދިނުމުގައި ފާމަސިސްޓުންނާއި ކްލިނިކަލް ފާމަސިސްޓުންގެ އިތުރުން ޑޮކްޓަރުންގެ އެއްބާރުލުންވެސް މުހިންމު ކަމަށާއި، ފާމަސިސްޓުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ.

ބޭސް އެތެރެކުރުމުގެ ދާއިރާއަށް ބަލާއިރު، ދުނިޔޭގެ ބޮޑެތި ބޭސް އުފައްދާ ކުންފުނިތަކުން ސީދާ ބޭސް ގަތުމުގައި ހުރި ހުރަސްތައް ގިރާކުރުމަށް އެ ކުންފުނިތަކާއެކު ސީދާ މަޝްވަރާތައް ސްޓޭޓް ފާމާއިން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އުފެއްދި އެ ކުންފުނީގެ ދަށަށް، އެސްޓީއޯގެ ދަށުން ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން ރަސްމީކޮށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި 1 ގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450