Ads by Farudhun

ޚަބަރު

އިންކްލޫސިވް އެޑިއުކޭޝަނަށް ކޮންމެ މުދައްރިސަކުވެސް އަހުލުވެރިވާންޖެހޭ: ވަޒީރު ޝަފީޢު

އިންކްލޫސިވް އެޑިއުކޭޝަނަށް ކޮންމެ މުދައްރިސަކުވެސް އަހުލުވެރިވާންޖެހޭ: ވަޒީރު ޝަފީޢު

"އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޯގަސްޓު 2026، 02:14

17 އޯގަސްޓު 2026، 02:14

އިންކުލޫސިވް އެޑިއުކޭޝަނަށް އަހުލުވެރިވާންޖެހެނީ ހަމައެކަނި ސެން (ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް) ޓީޗަރުން ނޫންކަމަށާއި، ކޮންމެ މުދައްރިސަކަށްވެސް އެކަން އެނގެންޖެހޭނެ ކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުންނާއި، ލީޑިންގ ޓީޗަރުން އަދި ޕްރިންސިޕަލުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއަކީ މުދައްރިސުން ތަމްރީނުކުރުން ކަމަށެވެ. އެގޮތުން މުދައްރިސުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމްގެ ތެރެއިން އެތައް ސަތޭކަ ދަރިވަރުންނެއް މިހާރުވެސް ތަޢުލީމު ހާސިލުކުރަމުންދާ ކަމަށާއި، އޭގެ ތެރޭގައި ސެން ޓީޗަރުންވެސް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ 2024 ވަނަ އަހަރު މި މަސައްކަތް ފެށިއިރު، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން މަދުކަން ފާހަގަކުރެވުނު ކަމަށާއި، ވަކިން ޚާއްސަކޮށް އަތޮޅުތަކުގެ ސްކޫލްތަކުގައި އެފަދަ މުދައްރިސުންގެ ދަތިކަން ބޮޑު ކަމަށެވެ. އެހެންކަމުން އަލަށް އިފްތިތާޙުކުރެވުނު އޮންލައިން ޕްލެޓްފޯމްގެ ސަބަބުން، ކޮންމެ މުދައްރިސަކަށްވެސް ކޮންމެ ތަނެއްގައި ހުރެގެން އިންކުލޫސިވް އެޑިއުކޭޝަނަށް އަހުލުވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހުރިހާ މުދައްރިސުންވެސް އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ކުއްޖަކަށްވެސް އުނގަންނައިދިނުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެޑިއުކޭޝަންގެ ޒިންމާއަކަށް ވާނީ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ވީހާވެސް ފަހިކޮށް އޮންނާނެ ފަދަ ނިޒާމެއް ޤާއިމްކުރުން. މިއަދު އިންކުލޫސިވް އެޑިއުކޭޝަންއަށް ޚާއްސަކޮށްގެން ކޯހެއް އެންއައިއީގެ ޕްލެޓްފޯމްގެ ތެރެއިން ޤާއިމްކޮށްދެވުނީ. މިއާއެކު ލީޑަޝިޕް ޕްރޮގްރާމްތަކެއްވެސް އަންނާނެ. އަދި އެކި ކީސްޓޭޖްތަކަށް ޚާއްސަ، އެކި މާއްދާތަކަށް ޚާއްސަކޮށްގެން ކޯސްތަކެއްވެސް އަންނާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މުދައްރިސުންނަށް ލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައިގެން، ދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ޒަމާނީ އުކުޅުތައް ދަސްކޮށް، ކުރިއަށްދިޔުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން އީ-ލާރނިންގގެ 7 މޮޑިއުލެއް ވަނީ ފަރުމާކޮށްފައެވެ. މި މޮޑިއުލްތައް މިހާރު ވަނީ 'އެދުރު' ޕޯޓަލް މެދުވެރިކޮށް ސްކޫލްތަކަށް ހުޅުވާލާފައެވެ.

މި ޕްރޮގްރާމުގައި ހިމެނޭ މޮޑިއުލްތަކަކީ:

- ޔުނިވަރސަލް ޑިޒައިން ފޯ ލާރނިން
- ޑިފެރެންޝިއޭޓިޑް އިންސްޓްރަކްޝަންސް
- އެސިސްޓިވް ޓެކްނޮލަޖީ
- ޓީޗިން ސްޓްރެޓެޖީސް ފޯ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ
-މެނޭޖިން ޗެލެންޖިން ބިހޭވިއަރ ފޯ ސްޓޫޑެންޓްސް ވިތް ޑ.އެޗް.ޑ.އެންޑް އޭ.އެސް.ޑީ
- އާރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަރވެންޝަން
- ޑިޒައިން ތިންކިންގ


މި މޮޑިއުލްތަކަކީ ސްކޫލްތަކުގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކޮށް، ޓީޗަރުންނާއި ވެރިންގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވާލާފައިވާ، އަމިއްލައަށް ވަގުތު ހަމަޖައްސައިގެން ފްލެކްސިބަލްކޮށް (ސެލްފް-ޕޭސްޑްކޮށް) ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މޮޑިއުލްތަކެކެވެ. އަދި މި މޮޑިއުލްތައް ފުރިހަމަކުރާ ފަރާތްތަކަށް "އިންކްލޫސިވް އެޑިއުކޭޓަރ ސެޓްފިކެޓް" ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްގެ ޕައިލެޓް މަރުޙަލާގައި 10 ސްކޫލަކުން 35 ބޭފުޅުން ބައިވެރިވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް މި މަސައްކަތް ފުޅާކޮށްގެން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450