ޚަބަރު
ޓެކްސީ އެޕް މައުލޫމާތު ލީކް ކުރި މުވައްޒަފުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
މާލެ ޓެކްސީ ލައިންގައި ބޭނުންކުރާ ޓެކްސީއެއް. ފޮޓޯ: އެމްޓީސީސީ
މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތުތައް ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިން އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް، އަދި ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއްކަން ވަނީ އެތެރޭގެ ތަހުގީގުން ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ އަރުވާފައެވެ. އަދި ސަރުކާރާއި، ހިއްސާދާރުންނާއި، ކަސްޓަމަރުންގެ އިތުރުން ވިޔަފާރީގެ ބައިވެރިން ކުންފުންޏަށް ކުރަމުންދާ އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުނީއްސުރެ ރައްޔިތުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބާއި އެއްބާރުލުން ފާހަގަކުރަމުން އެމްޓީސީސީން ބުނީ، ރާއްޖޭގެ އެންމެ ބޮޑު ދަތުރުފަތުރުގެ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ ކަނޑައެޅިފައިވާ އަގުގައި ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.