Ads by Farudhun

ޚަބަރު

އޭދަފުށީގައި ގާއިމުކުރި ސޯލާ އަދި ބެޓެރީ ސިސްޓަމް އިފްތިތާހުކޮށްފި

އޭދަފުށީގައި ގާއިމުކުރި ސޯލާ އަދި ބެޓެރީ ސިސްޓަމް އިފްތިތާހުކޮށްފި

މިކަމަށް ޓަކައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ހަކަތައާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

18 އޯގަސްޓު 2026، 09:49

18 އޯގަސްޓު 2026، 09:49

ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން، އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

17 އޮގަސްޓުގައި އޭދަފުށީގައި މިކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި  މި ސިސްޓަމް  އިފްތިތާހުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. 

މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އަދުގެ  ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޭދަފުއްޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ، 'އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ' (އެރައިސް) މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

 ތިން ވަނަ ފިޔަވަހީގެ ދަށުން، ރާއްޖޭގެ 9 ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މަސައްކަތް ނިމި ހިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުށި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.



އެރައިސް މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން، ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހަކަތރައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން، އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއުކަން އެ ވުޒާރައިން ފާހަގަކުރައްވައެވެ.

މި ނިޒާމުގެ ސަބަބުން އޭދަފުށީގައި ކަރަންޓު އުފެއްދުމަށް އަންދަމުންދާ  ޑީސަލްގެ މިންވަރު ވަރަށް ބޮޑުތަނުން މަދުވެގެންދާނެ ކަމަށާއި، އަދި މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450