ޚަބަރު
ހިންނަވަރު ފިހާރައަކުން ވަގަށް ނެގި ތަކެތި ހޯދައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި
ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހާ---
ޅ. ހިންނަވަރު ފިހާރައަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ފުލުހުން ހޯދައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ތަރިފިޔަޖަހާގެ، އުމުރުން 39 އަހަރުގެ ރިފްނާޒު މޫސާއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ވައްކަން ކޮށްފައިވަނީ 2026 އޮގަސްޓު 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ޖެހިގެން އައި އޮގަސްޓު 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަތުމަށާއި އަދި ފިހާރައިން ވަގަށްނެގި ތަކެތި ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ވަގުތުން ފެށިއެވެ. އެގޮތުން، ވައްކަންކުރި ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ބަލައި ދިރާސާކޮށް، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެ އޭނާ ހޯދާފައިވެއެވެ.
އޭނާ ހޯދުމަށްފަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށްނެގި ކަމަށް ބެލެވޭ ފަސް މޯބައިލް ފޯނާއި، ހަ ކާޓޫނު ސިނގިރެޓުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ރިފްނާޒު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.