ކުޅިވަރު

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ނޫރުއްاللهގެ ހެޓްރިކާއެކު ހަނިމާދޫ ސެމީއަށް

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ނޫރުއްاللهގެ ހެޓްރިކާއެކު ހަނިމާދޫ ސެމީއަށް

ގޯލު ކާމިޔާބުކުރުމަށްފަހު ނޫރުއްالله އުފާފާޅުކުރަނީ / ފޮޓޯ: ކްލަބް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޯގަސްޓު 2026، 04:54

18 އޯގަސްޓު 2026، 04:54

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ހދ. އަތޮޅު ބުރުގައި ނޫރުއްﷲ ޠޯހާ ހެދި މޮޅު ހެޓްރިކާއެކު، ކުމުންދޫ 4-1 އިން ބަލިކޮށް ހަނިމާދޫ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ނަތީޖާއާއެކު ކުމުންދޫ ވަނީ މުބާރާތުން ކަޓާފައެވެ.

މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ހަނިމާދޫއަށް މި މެޗުން މޮޅުވުން މަޖުބޫރުވެފައި އޮތުމުން، އެ ޓީމުން މެޗު ފެށީ ވަރުގަދަކޮށެވެ. ނަމަވެސް، މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ ފުރަތަމަ ހަމަލާގައި ކުމުންދޫއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ފޮނުވާލި ބާރު ކިކް-އިންއެއް ގޯލުގެ ކައިރީގައި ހުރި ޝައިމާން ޖައުފަރަށް ލިބުމުން، އޭނާ ވަނީ ފަސޭހަކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ކުމުންދޫގެ ލަނޑަށްފަހު ވެސް ހަނިމާދޫއިން ދިޔައީ ޕްރެޝަރު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 16 ވަނަ މިނެޓުގައި މުޙައްމަދު ޙަސަން ފޮނުވާލި ބާރު ހިލޭ ޖެހުން ގޯލުގެ ދަނޑީގައި ޖެހިފައި ވަދެ، ހަނިމާދޫން މެޗުގެ ނަތީޖާ 1-1 އަށް ހަމަހަމަކުރިއެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ނޫރުއްﷲ ޠޯހާ ވަނީ ލަނޑެއް ޖަހައި ހަނިމާދޫއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އަޙްމަދު މުޖުތަބާ ދިން ރީތި ބޯޅައެއް، ފައިގެ ފުންނާބުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނޫރުއްﷲ ވަނީ އެ ޓީމުގެ ލީޑު 3-1 އަށް ފުޅާކޮށްފައެވެ. މެޗުގެ އިތުރު ވަގުތުގައި ވާތްފަރާތުން އަރައި ތިރިތިރިން ފޮނުވާލި ބޯޅައަކުން ނޫރުއްﷲ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ހަނިމާދޫއަށް ފުރިހަމަ މޮޅެއް ކަށަވަރުކޮށްދިނެވެ.

މި ނަތީޖާއާއެކު ގްރޫޕް 'އޭ' ގެ ކަންކަން ނިމިގެން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ގްރޫޕުގައި ހިމެނޭ ހަނިމާދޫ، ކުމުންދޫ އަދި ނޮޅިވަރަންފަރަށް ވެސް ލިބުނީ 3 ޕޮއިންޓެވެ. ނަމަވެސް ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ހަނިމާދޫ ސެމީއަށް ދަތުރުކުރިއިރު، ކުމުންދޫ ވަނީ މުބާރާތުން އަލްވަދާޢު ކިޔަން ޖެހިފައެވެ.

 

ނައިވާދޫ ގްރޫޕް 'ބީ' ގެ އެއްވަނަ ހޯދައިފި

ގްރޫޕް 'ބީ' ގައި ކުރިނބީ 4-1 އިން ބަލިކޮށް، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ނައިވާދޫ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ ޢަބްދުﷲ ވިސާމް ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑު ޖަހައިދިނީ މުޙައްމަދު ޝާއިނެވެ.

މެޗުގެ ފަހު މިނެޓުގައި ކުރިނބީގެ ހަމައެކަނި ލަނޑު ޖެހީ ޒިޔާން ޢަބްދުލްޣަނީއެވެ. ނައިވާދޫއިން ޕަވާޕްލޭ ކުޅެމުންދިޔަ ވަގުތު، އެ ޓީމުގެ ކީޕަރު ކުރިއަށް އަރައި ހުރުމުގެ ފައިދާ ނަގައި، މެދުރޮނގު ކައިރިން ލިބުނު ބޯޅަ ޒިޔާން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި މޮޅާއެކު ނައިވާދޫ އެއްވަނަ ހޯދިއިރު، މި ގްރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ނޭކުރެންދޫއެވެ.

 

ސެމީ ފައިނަލް މެޗުތައް އޮގަސްޓް 20 ގައި

ހދ. އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ކުޅޭ ފުރަތަމަ ސެމީގައި ހަނިމާދޫ ނުކުންނާނީ ނޭކުރެންދޫއާ ދެކޮޅަށެވެ. އަދި އެރޭ ކުޅޭ ދެވަނަ ސެމީގައި ނައިވާދޫ ބައްދަލުކުރާނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ ނޮޅިވަރަންފަރާއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450