ޚަބަރު
ސަރުކާރުގެ މަޝްރޫޢުތަކާއި މުހިންމު ސިޔާސަތުތަކާ ގުޅޭ ބޮޑެތި ނިންމުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން / ފޮޓޯ: ރައީސް އޮފީސް
ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން މުޖުތަމަޢު ސަލާމަތްކުރުމަށް "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރުމާއި، ސަރުކާރުން ހިންގަވާ މުހިންމު އެކި މަޝްރޫޢުތަކާ ގުޅޭ ގޮތުން މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުންތައް ނިންމަވާފައިވަނީ 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އާދީއްތަ ދުވަހުގެ ޖަލްސާގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީގެ މަސައްކަތްތަކުގެ އަދާހަމަ ވަނީ ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވާފައެވެ. އެ ކޮމިޓީގެ ހުށަހެޅުންތަކަށް ރިޢާޔަތްކުރައްވައި، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭ ކަންކަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ.
މި ކެމްޕޭނުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމަށާއި، ފުރަތަމަ މަރުޙަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޖަމުޢިއްޔާތަކެއް ބައިވެރިކުރުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގެ ދާއިރާގެ ބައިވެރިވުމާއެކު މި މަސައްކަތް ފުޅާކުރުމަށާއި، ޤައުމީ ޓީމުތަކަށް ހޮވޭނީ ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައިވާ އެތުލީޓުން ކަމަށް ހެދުމުގެ ޓާގެޓް ހާސިލުކުރުމަށް ޚާއްޞަ އަމާޒުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި އެހެނިހެން މުހިންމު ކަންކަމުގެ ތެރޭގައި:
- ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒު: ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ޚިދުމަތެއް ލިބޭ ފެންވަރު ރަނގަޅު (ސްޓޭޓް އޮފް ދި އާޓް) ތަނަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދައިގެން ކުރިއަށް ގެންދިއުން.
- ސިމްކާޑު ދޫކުރުމުގެ އުސޫލު: ޖަލުތަކަށް ވައްދާ ސިމްކާޑުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖެއްސުން. އަދި އަންސްކިލްޑް ބިދޭސީންނަށް ކޮންމެ މީހަކަށް އެންމެ ސިމްކާޑެއް ދޫކުރެވޭ ގޮތަށް ހަދައި، ގެއްލިއްޖެނަމަ ފުލުހުންގެ ހުއްދައާއެކު ނޫނީ އިތުރު ސިމެއް ދޫނުކުރުން.
- ބަންދުގައި ތިބޭ މީހުންގެ ނިސްބަތް: ޝަރީޢަތް ނިމެންދެން ބަންދުގައި (ވާނުވާގައި) ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
ކޮޕަރ ވަޔަރު ވަގަށް ނެގުން: ބޮޑު އަގުގައި އެކްސްޕޯޓް ކުރުމަށްޓަކައި އަޅާފައި ހުންނަ ކޮޕަރ ވަޔަރުތައް ވަގަށް ނަގާ މައްސަލައަށް އަވަސް ޙައްލެއް ހޯދުން. - ވައިގެ ދަތުރުފަތުރުގެ ފެއަރ: އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައި.އޭ.އެސް) އިން ވައިގެ ދަތުރުތަކަށް ފަތުރުވެރިންގެ އަތުން ނަގާ ފެއަރ މުރާޖަޢާކޮށް، އެ އަގުތައް ކުޑަކުރުން.
މި ނިންމެވުންތަކަކީ ރާއްޖޭގެ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޞިއްޙީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅުތަކެކެވެ.