ޚަބަރު
ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 2،000 ރުފިޔާގެ ފީއެއް
ޅ. ހިންނަވަރު---
ޅ. ހިންނަވަރުގެ ރަށްވެހިކަން ދޫކޮށްލާނަމަ 2،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ ގޮތަށް އެ ރަށުގެ ކައުންސިލު އިދާރާއިން ނިންމައިފިއެވެ.
ހިންނަވަރުގެ ކައުންސިލް އިދާރާއިން ސޯޝަލް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ ، އެ ރަށުން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާ ފަރާތްތަކުގެ އަތުން އަގެއް ނެގުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، މި ޚިދުމަތް ފޯރުކޮށްދިނުމަށް އިދާރީ ފީއެއްގެ ގޮތުގައި 2،000 ރުފިޔާ ނަގާނެކަން ވެސް ވަނީ ހާމަކޮށްފައެވެ.
މިފަދަ ނިންމުމެއް ނިންމަން ޖެހުނީ، ހިންނަވަރުގެ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުވުމަކީ، އެ ރަށުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއްކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީއާއި، ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
ކައުންސިލުން ވިދާޅުވެފައިވަނީ އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
ރާއްޖޭގެ ރަށްވެހިކަމާ ގުޅޭ ގާނޫނު ބަޔާންކުރާ ގޮތުގައި، އެހެން ރަށަކަށް ރަޖިސްޓްރީ ބަދަލުވުމުގެ ޝަރުތު ފުރިހަމަވެ، އައު ރަށަށް ރަޖިސްޓްރީވުމާއެކު، ކުރީގެ ރަށުގެ ދަފްތަރުން އެމީހެއްގެ ނަން އުނިކޮށްދިނުމަކީ އެ ރަށަކަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ.