ޚަބަރު
މި އަހަރުގެ 2 ވަނަ ކުއާޓަރުގައި 1.62 މިލިޔަން ފަސިންޖަރުން ވީއައިއޭއިން ޚިދުމަތް ހޯދައިފި
ވީއައިއޭ އިން މީހަކު ޚިދުމަތް ހޯދަނ|ީ. ފޮޓޯ: ވީއައިއޭ
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޖުމްލަ 1.62 މިލިޔަން ފަސިންޖަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޚިދުމަތް ހޯދާފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި އަދަދުގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކާއި، އެތެރޭގެ އުދުހުންތަކުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ހޯދި ފަސިންޖަރުންވެސް ހިމެނެއެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ދެވަނަ ކުއާޓަރުގައި ބައިނަލްއަޤްވާމީ ގޮތުން ވީއައިއޭ ބޭނުންކޮށްފައިވަނީ 1.04 މިލިޔަން ފަސިންޖަރުންނެވެ. އަދި އެތެރޭގެ އުދުހުންތަކުގައި 242،104 ފަސިންޖަރުން އެއާޕޯޓް ބޭނުންކޮށްފައިވާއިރު، ސީޕްލޭންގެ ޚިދުމަތް ހޯދާފައިވަނީ 341،792 ފަސިންޖަރުންނެވެ.
އެއަރލައިންތަކުން ވީއައިއޭއަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އައިސްފައިވަނީ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު 18،924 ފަސިންޖަރުން އައިސްފައިވެއެވެ. އަދި ސީޕްލޭން މެދުވެރިކޮށް އެންމެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ކަމަށްވާއިރު، އެ ދުވަހު އެކަނިވެސް 5،707 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދާފައެވެ.
ދެވަނަ ކުއާޓަރުގެ އެއަރ ޓްރެފިކް މޫވްމަންޓްސްއަށް ބަލާއިރު، ބައިނަލްއަޤްވާމީ ފްލައިޓް މޫވްމަންޓްސް އުޅެނީ 6،714 ގައެވެ. އަދި ޑޮމެސްޓިކް އެއަރ ޓްރެފިކް މޫވްމަންޓްސް 5،957 ގައި އުޅޭއިރު، ސީޕްލޭން އެއަރ ޓްރެފިކް މޫވްމަންޓްސް ވަނީ 36،295 އަށް އަރާފައެވެ.
ރާއްޖޭގެ މައިދޮރޯށި ކަމަށްވާ ވީއައިއޭއަކީ އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން ޚިދުމަތް ހޯދާ އެއަރޕޯޓެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 97.7 އިންސައްތަ ފަތުރުވެރިން ރާއްޖެ އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށެވެ.