ޚަބަރު
އިންޖިނިއަރސް އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
ޕޮލިޓެކްނިކްގެ އިންޖިނިއަރިންގ ދަރިވަރުން އެމްޓީސީސީއަށް ޒިޔާރަތްކުރުން. ފޮޓޯ: ޕޮލިޓެކްނިކް
އިންޖިނިއަރސް އެވޯޑަށް ނަން ހުށައެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުނީ އިންޖިނިއަރސް އެވޯޑަށް ނަން ހުށައެޅުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށް މިހާރު ނަން ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ 30 އޮގަސްޓް 2025 ގައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި، އިންޖިނޭރުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެވޭ ޤައުމީ އެވޯޑްގެ އިތުރުން، އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދެއްވައި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ކަމަށްވާތީ އެވެ.