ކުޅިވަރު
މާޒިޔާއިން ފުރަތަމަ ފަހަރަށް ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި
މާޒިޔާއިން ކަޕް ވިނާސް ކަޕްގެ ތަށި އުފުލާލުން / ފޮޓޯ: އެފްއޭއެމް
ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފުރަތަމަ ފަހަރަށް ކަޕް ވިނާސް ކަޕްގެ ތަށި އުފުލާލައިފިއެވެ. މިއީ މާޒިޔާގެ ތާރީޚުގައި އެ ޓީމުގެ ޓްރޮފީ ކެބިނެޓުން މަދުވާ ހަމައެކަނި ބޮޑު ތައްޓެވެ. މި ކާމިޔާބީއާއެކު މާޒިޔާއިން މިވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ހުރިހާ ބޮޑެތި ތަށިތައް ހަމަކޮށް ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރުވެފައެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ވަރުގަދަކޮށް ފެށީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި މުޙައްމަދު އިލާން އިމްރާން ވަނީ ލަނޑެއް ޖަހައި މާޒިޔާއަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް، މެޗުގެ 16 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ނަތީޖާ ހަމަހަމަކުރިއެވެ. އަބްދުލައި ބިލިޓީ ތަނަވަސްކޮށްދިން ފުރުސަތަކުން، ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ދުރުކަނަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ފޮނުވާލި ހިތްގައިމު ބޯޅަ ގޯލަށް ވަނީ މާޒިޔާގެ ކީޕަރު ހުސައިން ޝަރީފުގެ ބޯމަތިން ގޮހެވެ.
މެޗުގެ 29 ވަނަ މިނެޓުގައި އަހުމަދު އައިހަމް މާޒިޔާއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނެވެ. ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު އައިހަމް ވަނީ ހުނަރުވެރިކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އެހެންނަމަވެސް، މާޒިޔާގެ މި ލީޑުވެސް ގިނައިރު ހިފަހައްޓައެއް ނުލެވުނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ގިލްހާމް ޑަ ސިލްވާ ދިން ބޯޅައަކުން ސެންޓޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަނެއްކާވެސް ނިއުއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުންވެސް ބޮޑަށް އިސްކަންދިނީ ބޯޅަ ހިފަހައްޓައިގެން، ވިސްނުންތެރިކަމާއެކު ހަމަލާތައް އުފެއްދުމަށެވެ. އަދި ދެ ޓީމުންކުރެ އެއްވެސް ޓީމަކުން އިދިކޮޅަށް ފުރުސަތެއް ނުދީ ދިފާއަށް ސަމާލުކަން ދިނުމުގެ ސަބަބުން މި ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗުގެ ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާއިން ފުރިހަމަ ކާމިޔާބީއެއް ހޯދިއިރު، އެ ޓީމުން ޖެހި ފުރަތަމަ ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ނިއު ރޭޑިއަންޓަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެ ޓީމުގެ ބިދޭސީ ފޯވާޑް ޑޮރިއެލްޓަން ގޯމޭޒް އަދި މޫސާ ޔާމީން ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.
މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ ފޯވާޑް އަހުމަދު އައިހަމް ވަނީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މިއީ މާޒިޔާގެ ތާރީޚުގައި އެ ޓީމުން ހޯދި ވަރަށް ޚާއްސަ އަދި ތާރީޚީ ކާމިޔާބީއެކެވެ.