ވިޔަފާރި / ޚަބަރު
މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފަށައިފި
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ފޮޓޯ: ޕީއެސްއެމް
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ޚިދުމަތް ފުޅާކޮށް، ކާމިޔާބު އަދި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ސީޕްލޭން އޮޕަރޭޝަނަކީ މޯލްޑިވިއަނަށް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ މުހިންމު ދާއިރާއެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަލީ ސަލީމް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކަށް އަންނަ ފަތުރުވެރިން އުފުލުމަށް އެ ކުންފުނިން ވަރަށް ކުރީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރުވެސް މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި 11 ބޯޓު އޮތް ކަމަށެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާއިރު، އެ ސިނާއަތަށް އެހީތެރިކަން ދިނުމަކީ ޤައުމުގެ އިޤްތިޞާދަށާއި ކުންފުނީގެ ވިޔަފާރިއަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ސަލީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އިތުރު މަންޒިލްތަކަށް ސީޕްލޭން ދަތުރުތައް ފެށުމަށާއި، ފެސިލިޓީތައް އިތުރަށް ތަރައްޤީކުރުމަށް ރާވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ކުރީގެ ސީޕްލޭން ޓާމިނަލް އަޕްގްރޭޑްކޮށް، މުޅިން އައު ޓާމިނަލެއްގެ ގޮތުގައި ވަރަށް އަވަހަށް ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑެޑް ރިސޯޓްތަކާއެކު ސީޕްލޭން ކޮންޓްރެކްޓްތައް ހެދުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ކުރިމަގުގައި މޯލްޑިވިއަން ފެނިގެންދާނީ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދޭ ކާމިޔާބު އެއާލައިނެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ އިތުރުން މީހުން ދިރިއުޅޭ ބައެއް ރަށްތަކަށްވެސް މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދެމުން އަންނައިރު، ފްލީޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެ ކުންފުނިން ވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހު ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތައް އެކުލެވޭ، އަދި ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް މަރާމާތުކޮށް ބެލެހެއްޓުން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ "ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ" މަރުކާގެ ދެ ބޯޓު މޯލްޑިވިއަންގެ ފްލީޓަށް ގަތުމަށް ވަނީ ހަމަޖެހިފައެވެ.