ވިޔަފާރި / ޚަބަރު
ވިޔަފާރި އާއި އިގްތިސާދީ ތަރައްގީއާ ގުޅޭ ބައިނަލްއަގުވާމީ މުހިންމު ފޯރަމްތަކެއް ރާއްޖޭގައި
2024ވަނަ އަހަރު އޮތް ސިޑްސް ބައްދަލުވުމުގެ ޕްރޮގްރާމެއްގެ ތެރެއިން---
ކުދި ޖަޒީރާ ގައުމުތަކުގެ ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއެރުވުމަށް ބާއްވާ ބައިނަލްއަގުވާމީ ދެ ފޯރަމެއް ކަމަށްވާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 އިން 25 އަށް، ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ. ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމަކުން 200 އަށް ވުރެ ގިނަ މަންދޫބުން މި ފޯރަމްތަކުގައި ބައިވެރިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި އިވެންޓްތަކަކީ ދިވެހި ސަރުކާރާއި، އެންޓިގުއާ އެންޑް ބާބިއުޑާ ސަރުކާރުގެ އިތުރުން އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓެޓިވް ފޯ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓްރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ޔޫއެން-އޯއެޗްއާރްއެލްއެލްއެސް) ގުޅިގެން އިންތިޒާމުކުރާ ހަރަކާތްތަކެކެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިކަން އިންތިޒާމު ކުރަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ގުޅިގެންނެވެ.
މި ފޯރަމްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ 2024 ވަނަ އަހަރު ބޭއްވުނު ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (ސިޑްސް4) ގައި ރާއްޖެއިން އަދާކުރި އިސް ދައުރާއި ލީޑަޝިޕްގެ ސަބަބުންނެވެ. އެ ކޮންފަރެންސްގެ ނައިބު ރައީސްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްލެނަރީ ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވައި، ދެމެހެއްޓެނިވި ތަރައްގީއާއި މާލީ އެހީތެރިކަން ހޯދުމުގައި ސިޑްސްގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއިން ވަނީ އެ ކޮންފަރެންސްގެ ޕްރިޕަރޭޓަރީ ކޮމިޓީގެ ކޯ-ޗެއާކަން ވެސް ކޮށްފައެވެ.
"ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" އަކީ 2014 ވަނަ އަހަރު ސަމޯއާގައި ބޭއްވި ސިޑްސްގެ ތިންވަނަ ކޮންފަރެންސަށް ފަހު ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ފޯރަމެކެވެ. މީގެ މައިގަނޑު މަގްސަދަކީ ކުދި ޖަޒީރާ ގައުމުތަކުގެ ވިޔަފާރިތަކާއި އިންވެސްޓަރުން އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ތަރައްގީގެ ކަންކަމުގައި އިތުރުކުރުމެވެ. މި އަހަރުގެ ފޯރަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހި ވިޔަފާރިތަކުން ހޯދާފައިވާ ކާމިޔާބީތައް ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ފޯރަމާ އެކު އަލަށް ފަށާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އަކީ ސިޑްސް4 ގައި ފާސްކުރި "އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ" ގެ ދަށުން ބޭއްވުމަށް ނިންމާފައިވާ ފޯރަމެކެވެ. މި ފޯރަމްގެ އަމާޒަކީ ކުދި ޖަޒީރާ ގައުމުތަކުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަނެ، އިންވެސްޓަރުންނާ ގުޅުވައިދިނުމާއި، އިންވެސްޓް ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ.
މި ފޯރަމްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ވަރުގަދަވެ، ރާއްޖޭގައި ހުރި ފުރުސަތުތައް ދުނިޔެއަށް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.