ވިޔަފާރި / ޚަބަރު
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭއިން 18،400 އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލައިފި
ބްރިޓިޝް އެއަރވޭޒް އިން މުދާ ބާލަނީ ފޮޓޯ: އެމްއޭސީއެލް
މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް 18،400 އަށްވުރެ ގިނަ ޓަނުގެ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތެރޭގައި ވީއައިއޭ އިން ޖުމްލަ 18،457 ޓަނުގެ މުދާ ވަނީ އުފުލާފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 2 އިންސައްތައިގެ ކުރިއެރުމެކެވެ.
މި މުއްދަތުގައި އެންމެ ގިނައިން އުފުލާފައިވަނީ ރާއްޖެއަށް އެތެރެކުރި (އިންބައުންޑް) މުދަލެވެ. އެއީ ޖުމްލަ 13،542 ޓަނުގެ މުދަލެވެ. އަދި ރާއްޖެއިން ބޭރަށް ފޮނުވި (އައުޓްބައުންޑް) މުދަލުގެ ގޮތުގައި 4،915 ޓަނުގެ ކާގޯ އުފުލާފައިވެއެވެ. މީގެއިތުރުން، ޓްރާންޝިޕްމެންޓް މުދަލުގެ ގޮތުގައި 3،650 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 26 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ޓްރާންޝިޕްމެންޓް މުދަލުގެ ތެރޭގައި ހިމެނެނީ އެއަރ-ޓު-އެއަރ މެދުވެރިކޮށް އުފުލި 3،116 ޓަނުގެ ކާގޯއާއި، ސީ-ޓު-އެއަރ މެދުވެރިކޮށް އުފުލި 534 ޓަނުގެ މުދަލެވެ. އަދި މުދާ އުފުލާ ބޯޓުފަހަރު ނުވަތަ ފްރެއިޓަރ މޫވްމަންޓްސްގެ އަދަދުވެސް ވަނީ 12 އިންސައްތަ އިތުރުވެ، 94 އަށް އަރާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުދާ އުފުލުމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެކެވެ. މި ތަޞައްވުރުގެ ދަށުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު ހުޅުވި އައު ކާގޯ ޓާމިނަލްގެ ޖާގައަކީ އަހަރަކު 120،000 ޓަނު ކަމުގައިވީ ނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް އިތުރަށް ފުޅާކޮށް އެތަނުގެ ހޭންޑްލިންގ ކެޕޭސިޓީ 300،000 ޓަނަށް އިތުރުކުރުމެވެ.
Velana in Numbers
— Velana Airport (@VelanaAirport) August 20, 2026
Cargo
Q2 - 2026 pic.twitter.com/IHeeKS9p15
ރާއްޖޭގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އެމްޕީއެލްއާއި އެމްއޭސީއެލް ގުޅިގެން މިހާރު ތަޢާރަފުކޮށްފައިވާ "ސީ-ޓު-އެއަރ" ކާގޯ ޚިދުމަތަށްވެސް ބޮޑު ތަރުޙީބެއް ދަނީ ލިބެމުންނެވެ. މި ޚިދުމަތުގައި މިހާރުވެސް ބައިނަލްއަޤްވާމީ 11 އެއާލައިނަކުން ބައިވެރިވެފައިވާއިރު، 3 ޤައުމަކުން ކަނޑުމަގުން ރާއްޖެއަށް މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ދަނީ ކުރެވެމުންނެވެ.