ވިޔަފާރި / ޚަބަރު
އަގުމަގު ޕޯޓަލްގައި 224 ފިހާރަ ރަޖިސްޓްރީކޮށްފި
ކާބޯތަކެތި ވިއްކާ ފިހާރައެއް
ބާޒާރާއި ފިހާރަތަކުގައި ތަކެތި ވިއްކަން ހުރި އަގުތައް އެއްތަނަކުން ފަސޭހަކަމާއެކު ބަލާލެވޭ ގޮތަށް ސަރުކާރުން ތަޢާރަފްކުރި "އަގުމަގު" ޕޯޓަލްގައި މިހާތަނަށް 224 ފިހާރައަކުން ރަޖިސްޓްރީވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ލޯންޗުކުރި މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި، މާކެޓުގައި ތަކެތީގެ އަގުތައް ހުރި މިންވަރު ދެފުށް ފެންނަ ގޮތެއްގައި އާންމުންނަށް ފޯރުކޮށްދިނުމެވެ. މި ޕޯޓަލް ފުރަތަމަ ތަޢާރަފްކުރި އިރު ފެންނަން ހުރީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ކަމުގައި ވިޔަސް، އަލަށް ތަޢާރަފްކުރި "އަގުމަގު" މޮބައިލް އެޕްލިކޭޝަނާއެކު، އަތޮޅުތަކުގެ ރަށްރަށުގައި ވިއްކާ މުދަލުގެ އަގުތައް ވެސް މިހާރު ފެންނަން ހުންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައި ވިދާޅުވީ، އަގުމަގު އެޕް މިހާތަނަށް 3,300 އަށްވުރެ ގިނަ މީހުން ޑައުންލޯޑްކޮށްފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2,700 އަށްވުރެ ގިނަ މީހުން މި އެޕް ބޭނުންކުރަމުންދާ ކަމަށާއި، މިހާތަނަށް 224 ފިހާރައަކުން މި ޕްލެޓްފޯމުގައި ބައިވެރިވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެޕްގެ ސަބަބުން ކޮންމެ ދުވަހަކު ބޭނުންކުރާ އަސާސީ ތަކެތީގެ އަގުތައް އެކި ފިހާރަތަކުން ވަރަށް ފަސޭހައިން އަޅާކިޔާލެވޭނެއެވެ. އެގޮތުން، ބާޒާރުގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބެން ހުރި ތަންތަނާއި، ތަކެތީގެ އެވްރެޖް އަގު އަދި އެންމެ ބޮޑު އަގުވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސްހިސާބުތައް ވެސް މި އެޕުން ދައްކުވައިދޭނެއެވެ.
މި ޕޯޓަލް އަދި އެޕްލިކޭޝަންގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ، ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބަލައިގެން އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވެސް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ. މި ޚިދުމަތުގެ ސަބަބުން ކާބޯތަކެތި ގަތުމުގައި ޢާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
Know the price before you shop. 🛒
— Ministry of Economic Development,Transport & Trade (@MoEDmv) August 21, 2026
Check the latest prices of goods with the #AguMagu app and make informed purchasing decisions.
🔗 https://t.co/apbSfoX28r
🔗 https://t.co/WAWYF4Lga0 pic.twitter.com/cMVgVpUpdz