ކުޅިވަރު
މަނަދޫގައި އެ ރަށު ޓީމު ބަލިކޮށް މަގޫދޫއިން ނޫނު އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި
މަގޫދޫއިން ނޫނު އަތޮޅުގެ ޝީލްޑް އުފުލާލަނީ / ފޮޓޯ: އަހުމަދު މާހު
އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ނޫނު އަތޮޅު ބުރުގެ ފައިނަލްގައި މަނަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، މަގޫދޫ ސްޕޯޓްސް ކްލަބުން ނޫނު އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މި މުބާރާތުގެ ލީގު ބުރު އެއްވަނަ ޓީމުގެ ގޮތުގައި މަނަދޫއިން ނިންމާލާފައި ވަނިކޮށް، ފައިނަލް މެޗުގައި މަގޫދޫއިން ދެއްކި މޮޅު ކުޅުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާންކަމަކަށެވެ.
ނޫނު އަތޮޅު ބުރުގައި ވާދަކުރި ހަތަރު ޓީމުގެ މެދުގައި ކުޅުނު ލީގު ބުރުގައި ވެސް މަގޫދޫއިން ވަނީ 1-0 އިން މަނަދޫ ބަލިކޮށްފައެވެ. ނަމަވެސް، ލަނޑުގެ ތަފާތުން ތާވަލުގެ ކުރި ލިބުނީ މަނަދޫއަށެވެ. އެހެން ނަމަވެސް، ފައިނަލް މެޗުގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި މަގޫދޫއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ކައުންޓަރ އެޓޭކަކުން ތަނަވަސްކުރި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިޙްސާނެވެ.
މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަނަދޫއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހުރަހެއް އެޅުނީ އެ ޓީމުގެ ކީޕަރު އަޙްމަދު ނާފިޒްއަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. މަގޫދޫގެ ކީޕަރު އިދިކޮޅުގެ ހާފު ތެރެއަށް އެއްލި ބޯޅަ ސާފުކޮށްލަން ނާފިޒް އޭރިއާ ބޭރަށް ނުކުމެ ކުޅެން އުޅުމުގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގައި، މުޙައްމަދު އިރުޝާދު ދިން ބޯޅައަކުން ސައުދު މުޙައްމަދު ވަނީ ހުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި މަގޫދޫގެ ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން މަގޫދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް މަގޫދޫއިން މޮޅަށް ކުޅެމުންދިޔައިރު، އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ، މަނަދޫގެ އެއްވެސް ޑިފެންޑަރެއްގެ ހުރަހެއް ނެތި ފަސޭހަކަމާއެކު ގޯލަށް ވައްދާލައި ސައުދު ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، އިރުޝާދު ވަނީ މަގޫދޫގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި މަނަދޫގެ ކީޕަރު ނާފިޒް ކުރިއަށް އަރައިގެން ކުޅެމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި އިރުޝާދު ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށް މަގޫދޫއަށް 5-0 ގެ ފުރިހަމަ މޮޅެއް ހޯދައިދީފައެވެ.
ނޫނު އަތޮޅުގެ ރަނަރަޕް ޓީމް މަނަދޫ / ފޮޓޯ: އަހުމަދު މާހު
ފައިނަލް މެޗުގައި ދެ ގޯލު ޖެހި މަގޫދޫގެ މުޙައްމަދު އިރުޝާދު ވަނީ ނޫނު އަތޮޅު ބުރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެއިތުރުން އެންމެ މޮޅު ކޯޗަކަށް ހޮވުނީ މަގޫދޫ ޓީމުގެ ކޯޗު އިނާޒް ޢަބްދުﷲއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މަނަދޫގެ ޙަސަން ނާއިފް އާއި ރައުފަތު އަބޫބަކުރު އާއި މަގޫދޫގެ މުޙައްމަދު އިރުޝާދު އާއި މުޙައްމަދު ޖަމީލް އަދި މާފަރުގެ އަފްރާޙް މުޙައްމަދުއެވެ.