ކުޅިވަރު
އަޝްރަފްގެ ދެ ގޯލާއެކު ހިންނަވަރުން ނައިފަރު ބަލިކޮށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި
ގޯލު ކާމިޔާބު ކުރުމަށްފަހު އަހުމަދު އަޝްރަފް އުފާފާޅުކުރަނީ / ފޮޓޯ: އިބްރާހިމް ވަހީދު
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ޅަވިޔަނި އަތޮޅު ބުރުގެ ފައިނަލް މެޗުގައި އަޙްމަދު އަޝްރަފް ކާމިޔާބުކުރި ދެ ލަނޑާއެކު، ވާދަވެރި ނައިފަރު 2-1 އިން ބަލިކޮށް ހިންނަވަރުން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.
ޅަވިޔަނި އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައިވަނީ ހިންނަވަރާއި ނައިފަރު އެކަނިކަމުން، އަތޮޅު ބުރު ކުރިއަށްދިޔައީ ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ކުޅުނު ފައިނަލް މެޗުންނެވެ. މި މެޗުގެ ނަތީޖާއާއެކު ހިންނަވަރު ތަށި އުފުލައިލި ނަމަވެސް، ދެ ޓީމަށް ވެސް ވަނީ މުބާރާތުގެ ޒޯން ބުރުން ޖާގަ ލިބިފައެވެ.
ކުޅިވަރުގައި ޒަމާނުއްސުރެން ވަރުގަދަ ވާދަވެރިކަމެއް އޮންނަ މި ދެ ރަށުގެ ދެމެދުގައި ރޭ ކުޅުނު ފައިނަލް މެޗުގެ 40 މިނެޓުގައި ވެސް އެ ވާދަވެރިކަމާއި ފޯރި ފެނިގެން ދިޔައެވެ.
މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ހިންނަވަރުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ކޯނަރަކުން ލިބުނު ފުރުސަތެއްގައި، ޕެނަލްޓީ އޭރިއާ ތެރެއިން ވިސްނުންތެރިކަމާއެކު ހުސްވެލުމަށްފަހު އަޝްރަފް އޭނާއަށް ލިބުނު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ހިންނަވަރުން ލަނޑު ޖެހުމާއެކު މެޗުގެ ކޮންޓްރޯލް ނައިފަރުން ނަގައި، ހިންނަވަރުގެ ހާފަށް ބާރުބޮޑުކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 11 ވަނަ މިނެޓުގައި ނައިފަރުގެ އަޙްމަދު އަތުވާން ޢަލީ ވަނީ ހަނި އޭންގަލަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެއަށްފަހު ވެސް ނައިފަރަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، ގޯލުގެ ދާގަނޑަށް ބޯޅަ ފޮނުވާނުލެވި އެ ފުރުސަތުތައް ބޭކާރުވިއެވެ.
ހިންނަވަރުން ޅ އަތޮޅުގެ ޝީލްޑް އުފުލާލުން / ފޮޓޯ: އިބްރާހިމް ވަހީދު
ހިންނަވަރުން ދެވަނަ ފަހަރަށް ލީޑު ނެގީ ނައިފަރުގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެގޮތުން ހިންނަވަރުގެ ކުޅުންތެރިއަކު ކައިރީގައި ހުއްޓާ ނައިފަރުގެ ގޯލު ކުރިމައްޗަށް ޕާސްކުރި ބޯޅަ ހޯދައި، އަޝްރަފް ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ހިންނަވަރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ނައިފަރުން މަސައްކަތްކުރީ ނަތީޖާ އެއްވަރުކުރުމަށެވެ. އަދި ހިންނަވަރުން ލީޑު ދިފާއުކުރުމަށްފަހު ކައުންޓަރ އެޓޭކުތަކުގައި ނުރައްކާ ކުރިއެވެ. ނަމަވެސް ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗު ނިމިގެންދިޔައީ ހިންނަވަރު ކުރީގައި އޮވެގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އަޝްރަފްގެ މޮޅު ދެ ލަނޑާއެކު ހިންނަވަރުން ޅަވިޔަނި އަތޮޅުގެ ޗެމްޕިއަންކަން ކަށަވަރުކުރިއިރު، ހިންނަވަރާއި ނައިފަރު ދެން ވާދަކުރާނީ ޒޯން ބުރުގައެވެ.