ވިޔަފާރި / ޚަބަރު
އަލަށް ގެންނަ ބޯޓުތަކާއެކު މޯލްޑިވިއަންއަށް ރޭގަނޑުވެސް ސީޕްލޭންގެ ދަތުރުތައް ކުރެވޭނެ: އަލީ ސަލީމް
މޯލްޑިވިއަންގެ ސީޕްލޭނެއް / ފޮޓޯ: މޯލްޑިވިއަން
ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ، އަލަށް ގެންނަ ބޯޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ޒަމާނީ އެއާކްރާފްޓްތަކެއް ކަމަށެވެ. އަދި މި ބޯޓުތަކުގެ ސަބަބުން މިހާރު ދުވާލުގެ ވަގުތުތަކަށް އެކަނި ހަނިވެފައިވާ ސީޕްލޭންގެ ދަތުރުތައް ރޭގަނޑުގެ ވަގުތުތަކުގައިވެސް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކޮށް، އައު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މޯލްޑިވިއަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ހިނގާ މަހުގެ 11 ވަނަ ދުވަހު، ޑީއެޗްސީ-6 ޓްވިން އޮޓާ ކްލަސިކް 300-ޖީ މަރުކާގެ ދެ ބޯޓު ގަތުމަށް ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މޯލްޑިވިއަނުން މަޢުލޫމާތު ދޭ ގޮތުގައި، މި އައު ބޯޓުތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތައް އެކުލެވޭ ބޯޓުތަކެކެވެ. މީގެއިތުރުން، ބޯޓު މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިފައިވުމާއި، ބޯޓުގެ ބަރުދަން ލުއިކޮށް ފަރުމާކޮށްފައި ވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުސަތު ލިބި، އޮޕަރޭޝަންތަކުގެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިގެންދާނެއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި މިހާރުވެސް 11 ޓްވިން އޮޓާ މަތިންދާބޯޓު އޮޕަރޭޓް ކުރަމުން އަންނައިރު، އެ ކުންފުނިން ދަނީ ރާއްޖޭގެ އެކި ރިސޯޓުތަކަށާއި މީހުން ދިރިއުޅޭ ރަށްރަށަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ގިނަ ފަރާތްތަކަކުން އަދިވެސް ރިކުއެސްޓް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.