ޚަބަރު
އަހަރުގެ މިހާތަނަށް 2,201 ވައްކަމުގެ މައްސަލަ ހުށަހަޅާފައިވޭ: ފުލުސް އޮފީސް
ފުލުހުންގެ ހެޑްކުއަޓާސް
މިއަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖެނުއަރީ އެކަކުން ފެށިގެން މިހާތަނަށް ފުލުހުންނަށް 2,201 ވައްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، މިއީ މި މުއްދަތުގައި ރިޕޯޓްކުރެވުނު މުޅި ޖުމްލަ މައްސަލަތަކުގެ %27.4 އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމުލަ 8,039 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓްގެ 1,930 މައްސަލައާއި، މަސްތުވާތަކެތީގެ 1,717 މައްސަލައިގެ އިތުރުން ތަކެތި ގެއްލިގެން ހުށަހެޅި 652 މައްސަލަ ހިމެނެއެވެ. މީގެއިތުރުން އަނިޔާކުރުމާއި މާރާމާރީގެ 422 މައްސަލަ، ތަންތަނަށާއި މުދަލަށް ގެއްލުންދިނުމުގެ 407 މައްސަލަ، ގެވެށި އަނިޔާގެ 209 މައްސަލަ، ޚިޔާނާތްތެރިވުމުގެ 169 މައްސަލަ، ޖިންސީ ގޯނާގެ 167 މައްސަލަ، ފޭރުމުގެ 100 މައްސަލަ އަދި ފޯޖަރީގެ 35 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
މި އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 2,193 ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި އެންމެ ގިނައިން ވައްކަމުގެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މޭ މަހުގައެވެ. އެގޮތުން މޭ މަހު އެކަނިވެސް ވައްކަމުގެ 339 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ކުށުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މި މުއްދަތުގައި ރިޕޯޓުކޮށްފައިވާ މައްސަލަތައް މިދިޔަ އަހަރަށްވުރެ އިތުރުވަމުންދާތީ، މިފަދަ މައްސަލަތައް އަވަހަށް ތަހުގީގުކޮށް، މުޖުތަމައުގައި ކުށްތައް މަދުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތްތައް ދަނީ އިތުރަށް ވަރުގަދަކުރަމުންނެވެ.