ކުޅިވަރު

ވަރުގަދަ ނައިވާދޫ ބަލިކޮށް ހަނިމާދޫއިން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

ވަރުގަދަ ނައިވާދޫ ބަލިކޮށް ހަނިމާދޫއިން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

ހަނިމާދޫއިން ހދ. އަތޮޅުގެ ޝީލްޑް އުފުލާލުން / ފޮޓޯ: ނޮޅިވަރަންފަރު ކައުންސިލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޯގަސްޓު 2026، 10:43

24 އޯގަސްޓު 2026، 10:43

އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ހދ. އަތޮޅު ފައިނަލުގައި، ފުޓްސަލްގެ ގަދަބާރެއް ކަމަށްވާ ނައިވާދޫގެ މައްޗަށް 2-0 އިން ކުރިހޯދައި، ހަނިމާދޫއިން މުބާރާތުގެ ހދ. އަތޮޅު ޝީލްޑް އުފުލާލައިފިއެވެ.

ފައިނަލާ ހަމައަށް މި ދެ ޓީމުވެސް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކުގައެވެ.

މެޗު ފަށައިގެން ނައިވާދޫއިން ވަރުގަދަ ކުޅުމެއް ދައްކައި، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ހަނިމާދޫގެ ގޯލްކީޕަރު ޢަބްދުﷲ މުޙައްމަދު ވަނީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން މޮޅު ސޭވްތަކެއްކޮށް ނައިވާދޫގެ ހަމަލާތައް ހުއްޓުވާފައެވެ. ނައިވާދޫއިން މޮޅަށް ކުޅުނު ނަމަވެސް، މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނެގީ ހަނިމާދޫއިންނެވެ. މި ގޯލަކީ ކިކް-އިން އަކުން ލިބުނު ބޯޅަ، ހަނި އޭންގަލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނޫރުﷲ ތޯހާ ކާމިޔާބުކުރި ގޯލެކެވެ.

މި ލަނޑާއެކު ނައިވާދޫއިން ނަތީޖާ ހަމަހަމަކުރަން އިތުރަށް މަސައްކަތްކުރިތަން ފެނުނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް ހަނިމާދޫއިން ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ހަނިމާދޫގެ މުޙައްމަދު ޚާލިދު ބޯޅަ ހިފައިގެން ދިޔަވަގުތު، ނައިވާދޫގެ ކީޕަރު އިބްރާހީމް ނާޖިހު އޭރިއާއިން ބޭރަށް ނިކުތުމުން، މުޙައްމަދު ޚާލިދު ވަނީ ބޯޅަ ކީޕަރު ބޯމަތިން ހުސް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ދެވަނަ ހާފުގައި ނައިވާދޫއިން މެޗުގެ ތެރެއަށް އެނބުރި އައުމަށް ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. މި ހާފުގައިވެސް ހަނިމާދޫގެ ޑިފެންސާއި ކީޕަރު ޢަބްދުﷲ މުޙައްމަދުގެ ހުށިޔާރުކަން ފެނިގެންދިޔައެވެ. ނައިވާދޫއަށް މެޗުގެ ތެރެއަށް ވަންނަން ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއެވެ. ނަމަވެސް، ކީޕަރު ޢަބްދުﷲ މުޙައްމަދު ވަނީ އެ ޕެނަލްޓީ ދިފާޢުކޮށް، ހަނިމާދޫގެ ތާރީޚީ މޮޅު ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަނިމާދޫގެ ނޫރުﷲ ތޯހާއެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން:

  • މުޙައްމަދު ޝާއިން (ނައިވާދޫ)
  • ނޫރުﷲ ތޯހާ (ހަނިމާދޫ)
  • ޢަބްދުﷲ ވިސާމް (ނައިވާދޫ)
  • މުޙައްމަދު އަސްލަމް (ނައިވާދޫ)
  • ޢަބްދުﷲ މުޙައްމަދު (ހަނިމާދޫ)

މީގެއިތުރުން، އެންމެ މޮޅު ކޯޗަކަށް ހަނިމާދޫގެ އިބްރާހީމް ތަސްނީފް ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ މުޙައްމަދު ސާމިޙް ފަތުހުﷲ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހިއްސާކުރީ މުޙައްމަދު ޝާއިން، ނޫރުﷲ ތޯހާ އަދި ޢަބްދުﷲ ވިސާމްއެވެ.

މި ނަތީޖާއާއެކު، ހދ. އަތޮޅުގެ ޗެމްޕިއަންގެ ގޮތުގައި ހަނިމާދޫ ޒޯން ބުރަށް ދަތުރުކުރިއިރު، ރަނަރަޕް ޓީމުގެ ގޮތުގައި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރުން ޖާގަ ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450