ރިޕޯޓް

2025 ވަނަ އަހަރު އެމްޓީސީސީގެ ފައިދާ ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެ، އާމްދަނީގެ ގޮތުގައި 2.13 ބިލިއަން ރުފިޔާ ލިބިއްޖެ

2025 ވަނަ އަހަރު އެމްޓީސީސީގެ ފައިދާ ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެ، އާމްދަނީގެ ގޮތުގައި 2.13 ބިލިއަން ރުފިޔާ ލިބިއްޖެ

އެމްޓީސީސީއިން އދ. ދަގެތީގެ ބަނދަރު ހެދުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

24 އޯގަސްޓު 2026، 04:16

24 އޯގަސްޓު 2026، 04:16

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 2025 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.13 ބިލިއަން ރުފިޔާ އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިފައިވާކަމަށް. އެ ކުންފުނިން އާންމުކުރި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ވިޔަފާރީގައި ދައުރުވާ ރައުސްމާލު ނުވަތަ ވޯކިންގ ކެޕިޓަލްގެ ދަތިކަން ކުރިމަތިވެ އާމްދަނީ ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް، ކުންފުނީގެ މާލީ ހިންގުންތެރިކަން މިދިޔަ އަހަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވެފައެވެ.

އެމްޓީސީސީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު 1.04 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ މައިގަނޑު ގޮތެއްގައި ވިޔަފާރިގެ ދާއިރާއިން ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން އައި ބަދަލެއްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ކުންފުނީގެ އެކި ދާއިރާތަކަށް ބަހާލެވިފައިވާ ވިޔަފާރިތަކުގެ ސަބަބުން ޖުމްލަ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓުނުކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

 

ވިޔަފާރީގެ އެކި ދާއިރާތަކުން ލިބުނު އާމްދަނީގެ ތަފްސީލު: 

ކޮންސްޓްރަކްޝަން އަދި ޑްރެޖިންގ: 1.722 ބިލިއަން ރުފިޔާ (މިއީ ޖުމްލަ އާމްދަނީގެ %80.68)
ވިޔަފާރި: 244 މިލިއަން ރުފިޔާ (މިއީ ޖުމްލަ އާމްދަނީގެ %11.44)
ދަތުރުފަތުރު: 150 މިލިއަން ރުފިޔާ (މިއީ ޖުމްލަ އާމްދަނީގެ %7.01)
އެހެނިހެން: 19  މިލިއަން ރުފިޔާ (މިއީ ޖުމްލަ އާމްދަނީގެ %0.87)
ރިއަލް އެސްޓޭޓް:  މި ދާއިރާ އަދިވެސް އޮތީ ތަރައްޤީކުރުމާއި ސްޓްރެޓީޖިކް ގޮތުން ބައްޓަންކުރުމުގެ މަރުހަލާގައި ކަމަށްވާތީ އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ.

ކޮންސްޓްރަކްޝަން އަދި ޑްރެޖިންގ ދާއިރާގެ އާމްދަނީ ބޮޑު ބަދަލެއް ނައިސް ހިފެހެއްޓުނު ނަމަވެސް، މަޝްރޫޢުތައް ރަނގަޅަށް ހިންގުމާއި ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން މި ދާއިރާގެ ފައިދާ ވަނީ އިތުރުވެފައެވެ. މާކެޓުގެ ވާދަވެރިކަން ބޮޑުވުމާއި އިންވެންޓްރީ ބެލެހެއްޓުމަށް އެޅި ފިޔަވަޅުތަކާއެކު ޓްރޭޑިންގ ދާއިރާގެ އާމްދަނީ ވަނީ %8.5 ދަށަށް ގޮސްފައެވެ. ނަމަވެސް، ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފުޅާކުރުމާއި ސަރުކާރުގެ އެހީތެރިކަމާއެކު، އޮޕަރޭޓިންގ ފައިދާ ވަނީ 2024 ވަނަ އަހަރުގެ 6 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު 22 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައެވެ.

 

ފައިދާ އިތުރުވުން

އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް، އެމްޓީސީސީގެ ހިންގުމުގެ ފައިދާ (އޮޕަރޭޓިންގ ޕްރޮފިޓް) ވަނީ %8 އިތުރުވެ، 179 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާ ވަނީ 45 މިލިއަން ރުފިޔާއިން 85 މިލިއަން ރުފިޔާއަށް އިތުރުވެ، 88 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

އެ ކުންފުނިން ފާހަގަކުރާ ގޮތުގައި ކުންފުންޏަށް ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ހިންގުމުގެ ޚަރަދުތައް ކުޑަކުރެވި، 2024 ވަނަ އަހަރު ހިނގިފަދަ ޚާއްޞަ ބޮޑެތި ޚަރަދުތަކެއް 2025 ވަނަ އަހަރު ނެތުމާއި، ކޮންސްޓްރަކްޝަން އަދި ޑްރެޖިންގ ދާއިރާއަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ލިބުނު 141.4 މިލިއަން ރުފިޔާގެ ކޮމްޕެންސޭޝަން އަދި ޢާންމު ދަތުރުފަތުރަށް ލިބުނު ސަބްސިޑީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓުން ޑިވިޑެންޑްގެ ގޮތުގައި 12.05 މިލިއަން ރުފިޔާ ލިބުން ހިމެނެއެވެ.

މީގެއިތުރުން، އިދާރީ ޚަރަދު %6 އިތުރުވި ނަމަވެސް، މާކެޓިންގ ޚަރަދުތައް %36 އަދި އެހެނިހެން ހިންގުމުގެ ޚަރަދުތައް ވަނީ %27 ދަށްކުރެވުމާއި އަދި މާލީ ޚަރަދުތައް ވެސް ވަނީ %31 އަށް ކުޑަކުރެވުމަކީ ލިބުނު ކުރިއެރުމެއްކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

 

ކެޕިޓަލް ޚަރަދުތައް ކުޑަކުރުމާއި ހިއްސާދާރުންނަށް ލިބުނު މަންފާ

2025 ވަނަ އަހަރު އެ ކުންފުނީގެ ކެޕިޓަލް ޚަރަދުތައް ވަނީ %41 ދަށްކުރެވި، 94.57 މިލިއަން ރުފިޔާއަށް ތިރިކޮށްފައެވެ. ހަމައެއާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕީއެލްސީގެ 27،850 ހިއްސާ ގަތުމަށް 2.79 މިލިއަން ރުފިޔާ ވަނީ އިންވެސްޓްކޮށްފައެވެ.

ހިއްސާދާރުންނަށް ބަލާއިރު، އިކުއިޓީ ހިއްސާދާރުންގެ ރިޓާން %4.57 ގައި ހުރިއިރު، ހިއްސާއަކަށް ޖެހޭ ސާފު މުދަލުގެ އަގު ވަނީ 13.90 ރުފިޔާ އިތުރުވެފައެވެ. މި ކުރިއެރުމާއެކު، ހިއްސާއަކަށް 3 ރުފިޔާގެ ފައިދާއެއް ބެހުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިއީ 2024 ވަނަ އަހަރު ބެހި 2 ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.

 

ދަރަނި ކުޑަކުރުން އަދި ކުރިމަގުގެ އަމާޒު

އެމްޓީސީސީން ވޯކިންގ ކެޕިޓަލްއަށާއި ކުންފުނީގެ މައިގަނޑު ހިންގުމަށް 186.97 މިލިއަން ރުފިޔާގެ ލޯނު ނެގި ނަމަވެސް، ކުންފުންޏަށް ލިބުނު ފައިސާއިން 206.50 މިލިއަން ރުފިޔާ ވަނީ ލޯނު އަނބުރާ ދެއްކުމަށް ޚަރަދުކޮށްފައެވެ. މީގެ ސަބަބުން ކުންފުނީގެ ދަރަނީގެ ނިސްބަތް ވަނީ %20 އިން %14 އަށް ދަށްވެ، މާލީ ހަމަޖެހުން ވަނީ އިތުރުވެފައެވެ.

ފައިދާ އިތުރުވި ނަމަވެސް، މަޝްރޫޢުތަކުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން ވޯކިންގ ކެޕިޓަލްގެ ދަތިކަން އަދިވެސް އެބައޮތް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ފައިސާ ހޯދުމުގެ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކޮށް، ހިންގުމުގެ ޤާބިލުކަން އިތުރުކޮށްގެން މާލީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށް އެމްޓީސީސީން ޚާއްޞަ އިސްކަމެއް ދެމުންދާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450