ކުޅިވަރު
ނިއުކާސްލް މެޗުގައި ރޫނީގެ ރެކޯޑެއް ސަލާހް މުގުރާލައިފި
ސަލާހް ވަނީ 37 މެޗުގައި ގޯލް+އެސިސްޓު ހަދާފައި--- ފޮޓޯ: ޕެރިމިއަރ ލީގު
ހުލާސާ
ރޫނީގެ އަތުގައި މި ރެކޯޑު އޮތީ 36 މެޗުގައި ގޯލު އަދި އެސިސްޓު ކޮށްގެން.
ނިއުކާސްލް ކޮޅަށް ޖެހި ދެ ގޯލާއެކު، ސަލާހް ވަނީ ޕްރިމިއަރ ލީގުގެ ގޯލު ލިސްޓުގައި މެންޗެސްޓަރ ސިޓީގެ އަރލިން ހާލަންޑު ފަހަތަށް ޖައްސާލާފައި.
ޕްރިމިއަރ ލީގުގައި އިތުރު ރެކޯޑަކާއި ވެސް ސަލާހް އަންނަނީ ގާތް ކުރަމުން.
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، އެ މެޗުގައި ސަލާހް ކާމިޔާބުކުރި ދެ ގޯލާއި އެސިސްޓާއެކު، ލީގުގެ އެންމެ ގިނަ މެޗުގައި އެންމެ މަދުވެގެން އެއް ގޯލު ޖަހައި އެސިސްޓެއް ކޮށްފައިވާ ކުޅުންތެރިޔާގެ ރެކޯޑު ސަލާހް މުގުރާލައިފިއެވެ.
އިނގިރޭސި ލީގުގައި ސަލާހް މިހާތަނަށް 37 މެޗުގައި ގޯލަކާއި އެސިސްޓެއް ހަމަކޮށްފައިވާއިރު، މި ރެކޯޑު ކުރިން އޮތީ މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި، ވޭން ރޫނީގެ އަތުގައެވެ. ރޫނީގެ އަތުގައި މި ރެކޯޑު އޮތީ 36 މެޗުގައި ގޯލު އަދި އެސިސްޓު ކޮށްގެންނެވެ.
މި ލިސްޓުގެ ތިން ވަނައިގައި 32 މެޗާއެކު އާސެނަލްއަށް ކުޅުނު ތިއެރީ އޮންރީ އޮތް އިރު، ހަތަރު ވަނައިގައި 31 މެޗާއެކު އޮތީ އެލަން ޝިއެރަރއެވެ.
މީގެ އިތުރުން، ނިއުކާސްލް ކޮޅަށް ޖެހި ދެ ގޯލާއެކު، ސަލާހް ވަނީ ޕްރިމިއަރ ލީގުގެ ގޯލު ލިސްޓުގައި މެންޗެސްޓަރ ސިޓީގެ އަރލިން ހާލަންޑު ފަހަތަށް ޖައްސާލާފައެވެ. ލީގުގެ ދެވަނަ މެޗުގައި މި ލިސްޓުގެ އެއްވަނައަށް ހާލަންޑު އެރުމަށްފަހު ރެއާ ހަމައަށް އޭނާ އޮތީ އެއްވަނައިގައެވެ.
ލީގުގައި މިހާތަނަށް ސަލާހް 13 ގޯލު ކާމިޔާބު ކޮށްފައިވާއިރު، ހާލަންޑަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޯލެވެ. ލިސްޓުގެ ތިން ވަނައިގައި 9 ގޯލާއެކު އޮތީ ޗެލްސީގެ ކޯލް ޕަރމާ އާއި ނޮޓިންހަމް ފޮރެސްޓުގެ ކްރިސް ވުޑްއެވެ.
ޕްރިމިއަރ ލީގުގައި އިތުރު ރެކޯޑަކާއި ވެސް ސަލާހް އަންނަނީ ގާތް ކުރަމުންނެވެ. އެއީ ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖެހުމުގެ ރެކޯޑެވެ.
މި ރެކޯޑު މިހާރު އޮތީ ލެސްޓަރ ސިޓީގެ ޖޭމީ ވާޑިގެ އަތުގައެވެ. 2015 ވަނަ އަހަރުގެ އޯގަސްޓު މަހުން ނޮވެމްބަރު މަހާއި ހިސާބަށް މެދުކެނޑުމެއް ނެތި 11 މެޗުގައި އޭނާ ގޯލުޖަހާފައިވާއިރު، ދެވަނައިގައި އޮތީ ވާޑީގެ މިހާރުގެ ކޯޗު، ރުޑް ވެން ނިސްޓެލްރޯއީއެވެ. ނިސްޓެލްރޯއީ ވަނީ 10 މެޗު ހަމަކޮށްފައެވެ.
ކުރިޔަށް އޮތް މެޗުތަކުގައި މެދުކެނޑުމެއް ނެތި ސަލާހް ގޯލު ޖަހަމުންދާނަމަ ވާޑިގެ ރެކޯޑާއި އޭނާއަށް ހަމަކުރެވޭނީ، ނިސްޓެލްރޯއީގެ ބެލުމުގެ ދަށުން ކުޅެމުން އަންނަ އަދި ވާޑި ކުޅެމުންދާ ލެސްޓަރ ސިޓީ މެޗުގައެވެ.