ޚަބަރު
އާރްޑީސީ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް ހދ. އަތޮޅުގެ 3 ރަށަކަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ތިލަދުންމަތީ ދެކުނުބުރީގެ ތިން ރަށެއްގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް، އެރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، ކުޅުދުއްފުށި ސިޓީ، ހދ. ނޮޅިވަރަމް އަދި ހދ. ނޮޅިވަރަންފަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތައް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ އެތައް ރަށެއްގެ މަގުހެދުމަށް ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އާރްޑިސީއާއެވެ. ނަމަވެސް، މި މަސައްކަތްތައް ހިންގުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ ކުންފުނީގައި އެކަށީގެންވާ ސާމާނާއި ވަސީލަތްތައް މަދުވުން ކަމަށް އާރްޑީސީއިން ވަނީ ވިދާޅުވެފައެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ކުޅުދުއްފުށި ސިޓީ، ހދ. ނޮޅިވަރަމް އަދި ހދ. ނޮޅިވަރަންފަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.#TeamRDC pic.twitter.com/803FUWqpxi
— Road Development Corporation Ltd (@rdcmaldives) August 25, 2026
އެހެންކަމުން، އާރްޑީސީގެ ގާބިލުކަން އިތުރުކޮށް މަޝްރޫއުތައް އަވަހަށް ނިންމުމުގެ ގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަން ހޯދައިގެން އެ ކުންފުންޏަށް ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ވަނީ ހޯދައިދީފައެވެ. އަދި މި އެހީގެ ދަށުން ލިބިފައިވާ އުޅަނދުތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު އާރްޑީސީން އަންނަނީ ކުރަމުންނެވެ.
މިއީ އެ ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކޮށް، އަމަލީ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތެއް ކަމަށް އެ ކުންފުނިން ވިދާޅިވެއެވެ.