ކުޅިވަރު
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ގާފަރާއި ގުރައިދޫ މެޗު އެއްވަރުވެ ކާފު އަތޮޅުގެ ފޯރި ގަދަވެއްޖެ
ގާފަރުގެ ރިމާހު ގުރައިދޫގެ ރިފްޝާން ކައިރިން ދިއުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ޕީއާރު ނެޓްވޯކް
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ކާފު އަތޮޅު ބުރުގައި ގާފަރާއި ގުރައިދޫ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެ، ފައިނަލަށް ދިއުމުގެ އުންމީދު ގުރައިދޫން ދަމަހައްޓައިފިއެވެ. މި ނަތީޖާއާއެކު މުބާރާތުގެ ކާފު އަތޮޅު ބުރުގެ ވާދަވެރިކަން މިހާރު ވަނީ އިތުރުވެފައެވެ.
ހަތަރު ޓީމު ވާދަކުރާ މި އަތޮޅުގެ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް އަތޮޅު ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ. ފުރަތަމަ މެޗުގައި ހިންމަފުށި އަތުން 4-1 އިން ބަލިވެފައި އޮތުމުން، ގުރައިދޫއަށް މި މެޗުން ބަލިވެއްޖެނަމަ ފައިނަލުގެ އުންމީދު އެއްކޮށް ގެއްލޭނެކަން އެނގި ތިބެ، އެ ޓީމުން ވަނީ މެޗު ފެށުނީއްސުރެ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު، 9 ވަނަ މިނެޓުގައި އިޝްއާފް މުޙައްމަދު ފިރާޤު ވަނީ ލަނޑެއް ޖަހައި ގުރައިދޫއަށް ލީޑު ނަގައިދީފައެވެ. އެއަށްފަހު މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ގާފަރާ ދެކޮޅަށް ގުރައިދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ ފަހު ވަގުތާ ހަމައަށް އެ ލީޑު ދަމަހައްޓާފައެވެ. ނަމަވެސް، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ގާފަރުގެ އަޒްޔާން އިބްރާހީމް ވަނީ ލަނޑެއް ޖަހައި ނަތީޖާ 1-1 އަށް ހަމަހަމަކޮށްދީފައެވެ. ފަހު ވަގުތު ފެނުނު މި ލަނޑާއެކު ގުރައިދޫއަށް މުހިންމު ތިން ޕޮއިންޓު ގެއްލުނު ނަމަވެސް، މި މެޗުން ލިބުނު ޕޮއިންޓާއެކު އެ ޓީމަށް އަދިވެސް ފައިނަލުގެ އުންމީދު އެބައޮތެވެ.
މި އަތޮޅުގައި ކުޅުނު އަނެއް މެޗުގައި ވާދަކުރީ މުބާރާތް ބާއްވާ ހިންމަފުށްޓާއި މާފުއްޓެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ 12 މިނެޓު ތެރޭގައި އިބްރާހީމް މުބީން އަދި އަޚްރޯރް އުމަރުޖޮނޯވް ޖެހި ލަނޑުތަކުން މާފުށިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސައިން ޝިޔާން ވަނީ ހިންމަފުށްޓަށް ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި ހިންމަފުށިން ކުޅުން ވަރުގަދަކޮށް، މެޗުގެ ނަތީޖާ ހަމަހަމަކޮށް ފައިނަލަށް ދިއުމުގެ އުންމީދު ދެމެހެއްޓިއެވެ.
ދެވަނަ ބުރުގެ މެޗުތައް ނިމުނުއިރު، ކާފު އަތޮޅުގެ ޕޮއިންޓް ތާވަލު އޮތީ ވަރަށް ވާދަވެރި ގޮތަކަށެވެ. މި ބުރުގެ ފަހު މެޗުތަކުގައި ހިންމަފުށި ނުކުންނާނީ ގާފަރާ ދެކޮޅަށެވެ. އަދި ގުރައިދޫ ވާދަކުރާނީ މާފުށްޓާއެވެ. ފައިނަލުގެ ޖާގަތައް ކަށަވަރުވާނީ މި މެޗުތަކުގެ ނަތީޖާއިންނެވެ.