ދުނިޔެ
ޣައްޒާގެ ޢުދުވާން ހުއްޓުވުމުމަށް ޓްރަމްޕް ނިކުމެވަޑައިގެންފި

އެމެރިކާގެ އިންތިޙާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ: އިންޓަނެޓް
ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން، ޓްރަމްޕްގެ އިސް މަންދޫބެއް މެދުއިރުމައްޗަށް ފޮނުވައި، ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް މަގުފަހިކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
2025 ޖަނަވަރީ 20 ގައި ވެރިކަމާ ހަވާލުވާން ހަމަޖެހިފައިވާ ޓްރަމްޕްގެ ސަރުކާރުގައި މެދުއިރުމައްޗަށް ކަނޑައަޅާ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ޤަޠަރާއި ޒަޔަނިސްޓު އިސްރާއީލަށް ދަތުރުކޮށް، އެ ދެ ޤައުމުގެ ވެރިންނާ ބައްދަލުކޮށްފައެވެ. ޤަޠަރުގެ ބޮޑުވަޒީރު އަލް-ޝައިޚް މުޙައްމަދު ޢަބްދުއްރަޙްމާން އަލް-ޘާނީއާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރި ވިޓްކޮފް ވަނީ މަޝްވަރާތަކުގެ އޮއިވަރު ބަދަލުކުރުމަށް މަސައްކަތްކޮށްފައެވެ.
ޓްރަމްޕްގެ އަމާޒަކީ ވެރިކަމާ ހަވާލުވުމުގެ ކުރިން ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމެވެ. އަދި ޙަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ އަސީރުން ޖަނަވަރީ 20 ގެ ކުރިން މިނިވަން ނުކޮށްފިނަމަ، މެދުއިރުމަތީގެ މަސްރަޙު "ނަރަކައިގެ" ހާލަތަކަށް ބަދަލުކޮށްލާނެ ކަމަށް ޓްރަމްޕް ވަނީ އިންޒާރުދީފައެވެ.
މި މަސައްކަތުގައި ޤަޠަރާއި މިޞްރު ވެސް ބައިވެރިވަމުންދާއިރު، ޙަމާސްގެ އިސް އޮފިޝަލުންގެ ވަފުދެއް ހުސްވި ހަފުތާގައި މިޞްރަށް ދަތުރުކޮށްފައިވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޙަމާސްގެ ޓީމެއް ދަވްޙާއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7 އިން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި މިހާތަނަށް 44,532 މީހުން ޝަހީދުކޮށްލާފައިވާއިރު، 105,538 މީހުން ޒަޚަމުކޮށްލާފައިވެއެވެ. ޝަހީދުންގެ ތެރޭގައި 17,000 އެއްހާ ކުޑަކުދިން ހިމެނޭއިރު، އިތުރު 10,000 އެއްހާ މީހުންގެ ހަށިތައް ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ބުނެއެވެ.