Ads by Farudhun

ޚަބަރު

އަމީނީމަގުގެ ފުރަތަމަ ސެގްމަންޓްގެ ސަބްގްރޭޑް މަރާމާތު މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

އަމީނީމަގުގެ ފުރަތަމަ ސެގްމަންޓްގެ ސަބްގްރޭޑް މަރާމާތު މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 12:08

27 އޯގަސްޓު 2026، 12:08

އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް 1 ގެ ސަބްގްރޭޑް މަރާމާތުކުރުމުގެ 90 އިންސައްތަ މަސައްކަތް އިއްޔެގެ ނިޔަލަށް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު އާންމުކުރި މައުލޫމާތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެގްމަންޓް 1 ގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރެއިން މިހާރު ނުނިމި ހުރި ބައިތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ. އަދި އެ މަސައްކަތްތައް ނިމުމާއެކު، ދެން އޮތް މަރުހަލާ ކަމަށްވާ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ އަމަލީ މަސައްކަތް ވަގުތުން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޖުމްލަ 2،511 އަކަމީޓަރުގެ ސަރަހައްދެއްގެ ސަބްގްރޭޑް މަސައްކަތްތަކާއި، އޭބީސީ އެޅުމާއި ކޮމްޕެކްޓް ކުރުން ހިމެނެއެވެ. މީގެ އިތުރުން މަގުގެ ސަރަހައްދުގައި ޕްރައިމް ކޯޓު ޖެހުމާއި، އެންމެ ފަހު މަރުހަލާގެ ތާރު އެޅުމުގެ މަސައްކަތް ވެސް މި ސްކޯޕްގެ ދަށުން ކުރިއަށްދާނެއެވެ. އަމީނީމަގުގެ ސެގްމަންޓް 1، 2 އަދި 3 ގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެމްޓީސީސީއާ ސަބް-ކޮންޓްރެކްޓް ކޮށްގެންނެވެ.

މި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުނީ 2024 ވަނަ އަހަރުގެ ކުރީކޮޅު 1.79 ކިލޯމީޓަރުގެ އަމީނީމަގު ހެދުމުގެ މަޝްރޫއު ނިމުނު ފަހުން، މަގުގެ ބައެއް ސަރަހައްދުތަކުގައި ވަޅުގަނޑުތައް ހެދި، އަދި ތާރުގަނޑު ހަލާކުވެ ބޭނުންކުރަން ދަތިވުމާ ގުޅިގެންނެވެ. ކުރިން އާރްޑީސީން އަމީނީމަގު ތަރައްގީކޮށްފައިވަނީ 84.4 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން މި މަރާމާތުގެ މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 15 ޖޫން 2026 ގައެވެ. އަދި ސާވޭގެ މަސައްކަތްތަކަށްފަހު، ސެގްމަންޓް 1 ގެ އަމަލީ މަސައްކަތް ފަށާފައިވަނީ 3 އޮގަސްޓް 2026 ގައެވެ. ސެގްމަންޓް 1 ގެ މައިގަނޑު މަސައްކަތްތައް ނިންމައި، ބަންދުކޮށްފައިވާ މަގުގެ ބައި 28 އޮގަސްޓް 2026 ގައި އަލުން ހުޅުވާލުމަށް ވަނީ ތާވަލުކޮށްފައެވެ.

އަމީނީމަގުގެ އިތުރުން، އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތްތައް ވެސް ދައުލަތުގެ އިންފްރާސްޓްރަކްޗަރ މަރާމާތު ބަޖެޓުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450