Ads by Farudhun

ޚަބަރު

އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދަނީ

އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްގެންދަނީ

2025 ވަނަ އަހަރުގެ އިންޖިނިއަރިން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެމްއޭސީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 އޯގަސްޓު 2026، 03:46

27 އޯގަސްޓު 2026، 03:46

އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ފާހަގަކުރާ އިންޖިނިއަރިންގ ދުވަހާ ގުޅުވައިގެން، ޚާއްޞަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހައުސިންގ  މިނިސްޓްރީން ނިންމައިފިއެވެ.

 މި ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާއާއި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގެ މެދުގައި މި ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމެވެ.

ކުޑަކުދިންގެ ހަވީރަކާއެކު ހަރަކާތްތައް ފެށުން
އިންޖިނިއަރިންގ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮގަސްޓް 29 ވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ ކުޑަކުދިންގެ ހަވީރެކެވެ. މި ހަވީރުގައި އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚާއްޞަ ސްޓޯލްތަކެއް ފެނިގެންދާނެއެވެ.

މި ހަރަކާތުގައި އެމްއެންޑީއެފް، އެމްޓީސީސީ، އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ފެނަކަ، ސްޓެލްކޯ، އާރުޑީސީ، އެމްއޭސީއެލް، އައިލޭންޑް އޭވިއޭޝަން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް / ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، އެމްޕީއެލް އަދި އެފްޑީސީން ބައިވެރިވާނެއެވެ. މި ސްޓޯލްތަކުގެ ޒަރީޢާއިން އިންޖިނިއަރިންގއާ ގުޅުންހުރި ޢިލްމީ އަދި މަޖާ ހަރަކާތްތައް ތަޖުރިބާކޮށް، އިންޖިނިއަރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އާންމުންނަށް ލިބިގެންދާނެއެވެ.

ދަރިވަރުންނަށް ޚާއްޞަ ސައިޓް ވިޒިޓްތައް
މީގެ އިތުރުން ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުމަށްޓަކައި 2026 ސެޕްޓެމްބަރު 5 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން ކޮންމެ އަތޮޅެއްގެވެސް މަދުވެގެން ދެ ރަށެއްގައި ހިނގާ މަޝްރޫޢުތަކުގެ ސައިޓްތަކަށާއި އިންޖީނުގެތަކަށް ދަރިވަރުން ޒިޔާރަތްކޮށް، އެ މަސައްކަތްތަކުގައި އިންޖިނިއަރުން އަދާކުރާ ދައުރު ބަލައިލުމުގެ ފުރުޞަތު ލިބޭނެއެވެ. އަދި މާލޭގައި ކުރިއަށްދާ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ސައިޓަށްވެސް ސްކޫލް ދަރިވަރުންނަށް ޚާއްޞަ ޒިޔާރަތެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޖިނިއަރސް އެވޯޑު ދިނުން
މި ދުވަހާ ގުޅުވައިގެން ބާއްވާ އެންމެ ޚާއްޞަ ހަރަކާތަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް އިންޖިނިއަރުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތެވެ. ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޙަފްލާގައި، މި ދާއިރާއިން ފާހަގަކޮށްލެވޭ 10 ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ނިންމައިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450