Ads by Farudhun

ޚަބަރު

ގައުމު ބިނާކުރުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން ކަށަވަރުވާންޖެހޭ: މެޑަމް ސާޖިދާ

ގައުމު ބިނާކުރުމުގެ ކޮންމެ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން ކަށަވަރުވާންޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ: ޕީއެސްއެމް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޯގަސްޓު 2026، 06:18

27 އޯގަސްޓު 2026، 06:18

ގައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުވާންޖެހޭ ކަމަށާއި، ބައިވެރިވުން ހަރުދަނާ ކުރުމަށް ޚާއްސަ ޕްރޮގްރާމުތައް ހިންގަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، "ވިލުންތެރި ކަނބަލުން" ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެޑަމް ސާޖިދާ ވިދާޅުވީ، އަންހެނުންނަކީ ގައުމެއްގެ އިޖުތިމާއީ ހަށިގަނޑާއި ތަރުބަވީ މަދަރުސާގެ ނުހަނު މުހިންމު ބަހާއެއް ކަމަށެވެ. ގައުމެއް ބިނާކޮށް ތަރައްގީ ކުރުމުގައި އަންހެނުންގެ ދައުރަކީ ތަރައްގީގެ ބިންގާ ކަމަށާއި، ހަމައެއާ އެކު، އާއިލާތަކާއި މުޖުތަމައުގެ އުފާވެރިކަމުގެ ވެސް އަސްލަކީ އަންހެނުން ކަމަށް ސިފަ ކުރައްވައި، ގައުމެއް އާރާސްތުކުރުމުގެ ހިތްމަތާއި، މިންނަތާއި، ޖޯޝާއި، ވިންދަކީ ވެސް އަންހެނުން ކަމަށް ވިދާޅުވިއެވެ.

ވިލުންތެރިކަމަށް އަލިއަޅުއްވާލައްވަމުން، ވިލުންތެރިކަމަކީ ކޮންމެ މީހަކަށްވެސް ދަސްކޮށްދޭންޖެހޭ ވަރަށް މުހިންމު ސިފައަކާއި ހުނަރެއް ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް، ވިލުންތެރިކަމުގެ ހުނަރު އަންހެނުންނަށް ދަސްކޮށްދިނުމަކީ، ގައުމަށް އިޖުތިމާއީ ގޮތުންނާއި، އިގުތިޞާދީ ގޮތުން ވެސް ނުހަނު ގިނަ ފައިދާ ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ވިލުންތެރި ޕްރޮގްރާމުގެ މަގުސަދުތަކަށް އަލިއަޅުއްވާލައްވާ މެޑަމް ސާޖިދާ ވިދާޅުވީ، މި ޕްރޮގްރާމުން އަންހެނުންނަށް އަމަލީ އެތައް ކަމަކާއި، އިލްމީ އެތައް މައުލޫމާތެއްގެ އިތުރުން ފިކުރީ އަދި އަމަލީ އެތައް ގާބިލުކަމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

މި ޕްރޮގްރާމުން އަމަލީ އެތައްކަމެއް އަންހެނުންނަށް ލިބިވަޑައިގެންފި. ހަމައެއާ އެކު، އިލްމީ އެތައް މައުލޫމާތުތަކެއް ހާސިލްކޮށްފި. ފިކުރީ، އަމަލީ، އެތައް ގާބިލުކަމެއް ހޯއްދަވައިފި. މިކަންކަމުގެ ނަތީޖާއަކަށްވާނީ ރަނގަޅު، މަންފާހުރި، އެތައް ކަމެއް. އޭގެ ތެރޭގައި ގޭތެރޭގައި ދިމާވާ އެކިއެކި ކަންކަމަށް ހައްލު ހޯދުން. ކަންކަމުގައި އީޖާދީ ވިސްނުން އިތުރުވުން. އަދި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން، އަންހެނުންނަށް ހައްގުވާ ބާރުވެރިކަން އުފެދިގެން އައުން

      ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން 

ރާއްޖޭގެ ތާރީހާއި އެހެން ބައެއް މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، ދިވެހި އަންހެނުންނަކީ ތާރީހަށް ބަލާއިރު ވަރަށް ނަސީބުވެރި ބައެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. ބައެއް މުޖުތަމައުތަކުގައި، ދީނާއި ސަގާފަތުގެ ނަމުގައި، އަންހެނުންނާ މެދު ބޭއިންސާފުން ކަންތައްތައް ކުރެވި، ތައުލީމު ލިބުމާއި، ކަންކަމުގައި ބަސް ބުނުމާއި، ތަފާތު މަސައްކަތްތަކުން ވެސް ބަޔަކު މަހުރޫމުވެފައިވާ ކަން ފާހަގަ ކުރެއްވިއެވެ.

ދިވެހީންނަކީ މުސްލިމުން ކަމަށާއި، ހަގީގީ އިސްލާމްދީން ވަނީ އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ފުރިހަމަ އަދުލުވެރިކަން ގާއިމްކޮށްދީފައި ކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު، އިސްލާމީ ތާރީހު އަންހެނުންނަށް ގޮވާލަނީ، އުންމަތް ބާރުވެރިކުރުވާ، މުޖުތަމައު ގަދަރުވެރިކުރުވާ، މުރާލި، ހީވާގި، ހުނަރުވެރި، އަދި ހުލްގު ހެޔޮ ބަޔަކަށްވުމަށް ކަމަށް ވިދާޅުވިއެވެ.

ރަސްމިއްޔާތު ނިންމަވާލައްވަމުން، ގައުމު ބިނާ ކުރުމުގެ ހަގީގީ ބައިވެރިންގެ ގޮތުގައި ދިވެހި ކަނބަލުން ތިއްބެވުމަށް މެޑަމް ސާޖިދާ ހިތްވަރު ދެއްވިއެވެ. ދިވެހި ކަނބަލުންނަށް ލިބިވަޑައިގެންފައިވާ ހުނަރާއި ގާބިލުކަމަކީ ގައުމުގެ ތަރައްގީ ހަރުދަނާ ކުރުމަށް ބޭނުންވާ ވަރަށް ހިތްވަރުގަދަ ބާރެއް ކަމަށް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450