ޚަބަރު
"ޕާސްޕޯޓު ބުކްލެޓް" ލިބުން ލަސްވުމާ ގުޅިގެން ޕާސްޕޯޓު ދޫކުރުމަށް ބަދަލުތަކެއް ގެނެސްފި
ޕާސްޕޯޓުގެ ބުކްލެޓް---
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026 ގެ ކާފު އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށްފަހު، މި އަތޮޅުގެ ފައިނަލުން ކ. ގާފަރާއި ކ. ހިންމަފުށި ޖާގަ ހޯދައިފިއެވެ. ވާދަވެރި ކުޅުމަކަށްފަހު މި ދެ ޓީމު ފައިނަލަށް ދަތުރުކުރިކަން ކަށަވަރުވީ ބުރާސްފަތި ދުވަހު ކުޅުނު ފޯރިގަދަ މެޗުތަކަށް ފަހުގައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު ބުރަށް ޓީމުތައް ނުކުތްއިރު، ގާފަރާއި ހިންމަފުށްޓަށް ވެސް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި މާފުއްޓާއި ގުރައިދުއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެހެންކަމުން، މާފުއްޓާއި ގުރައިދުއަށް ފައިނަލުގެ ހަނި ފުރުސަތެއް އޮތީ ގާފަރާއި ހިންމަފުށި ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ގާފަރާއި ހިންމަފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ފޯރިގަދަ މި މެޗުގެ 8 ވަނަ މިނެޓުގައި ޝަނާން ރަޝީދު ވަނީ ލަނޑު ޖަހައި ގާފަރަށް ކުރިހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް ހުޒައިފާ އިބްނު ހުސައިން ވަނީ ހިންމަފުށްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން ސާމިން މުހައްމަދު ނަސީރު އަދި އައްޒާމް ނިޔާޒު ޖެހި ލަނޑުތަކާއެކު ގާފަރުން 3-1 ގެ ލީޑެއް ނަގައި، ހިންމަފުށި ނުރައްކަލުގެ ތެރެއަށް ވައްޓާލިއެވެ. އެހެންނަމަވެސް، މެޗުގެ ފަހު ވަގުތުކޮޅު ހިންމަފުށިން ވަނީ އާދަޔާޚިލާފު ހިތްވަރެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ހުޒައިފާ އޭނާގެ ދެވަނަ ލަނޑު ޖަހައި ފަރަގު ކުޑަކުރިއިރު، މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ހުސައިން ނާފިޒް ވަނީ ލަނޑެއް ޖަހައި ހިންމަފުށްޓަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު، ގްރޫޕް ސްޓޭޖުގެ ފަހު މެޗު ނުކުޅެނީސް ވެސް ގާފަރާއި ހިންމަފުށްޓަށް ފައިނަލުގެ ޖާގަ ވަނީ ކަށަވަރުވެފައެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާފުށިން ވަނީ 2-1 އިން ގުރައިދޫ ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ހަސަން އިމްރާން އަދި އިބްރާހިމް އާމިރު ޖެހި ލަނޑުތަކުން މާފުށިން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ގުރައިދޫގެ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ލިބުނު 10-މީޓަރު ޕެނަލްޓީއަކުން ކާމިޔާބުކުރީ ފާލިހު އަހުމަދު ފަލާހެވެ.
ކާފު އަތޮޅުގެ ޗެމްޕިއަން ޝީލްޑަށް ގާފަރާއި ހިންމަފުށި ވާދަކުރާ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ އޮގަސްޓް 29 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ.