ކުޅިވަރު
މާއެނބޫދޫއިން ފަސޭހަކަމާއެކު ކުޑަހުވަދޫ ބަލިކޮށް އަތޮޅު ޝީލްޑް އުފުލާލައިފި
މާއެނބޫދޫއިން ދ އަތޮޅުގެ ޝީލްޑް އުފުލާލުން / ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕް 2026 ގެ ދ. އަތޮޅު ބުރުގެ ފައިނަލުގައި ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ކުޑަހުވަދޫ ބަލިކޮށް، ދ. އަތޮޅުގެ ޗެމްޕިއަންކަން މާއެނބޫދޫ ހޯދައިފިއެވެ.
މި މުބާރާތުގައި ދ. އަތޮޅުން ވާދަކޮށްފައިވަނީ އެންމެ ދެ ޓީމު ކަމަށްވާތީ، އަތޮޅު ބުރު ކުރިއަށްދިޔައީ ޗެމްޕިއަން ޓީމު ކަނޑައެޅުމަށް ކުޅުނު އެންމެ މެޗަކުންނެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް، މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ދެ ޓީމަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފައެވެ.
ފައިނަލް މެޗުގައި މާއެނބޫދޫއިން މޮޅު ކުޅުމެއް ދައްކައި މެޗު ކޮންޓްރޯލް ކުރިއިރު، މެޗުގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. އަހުމަދު ޝައިހާން ވައަތްފަރާތު އަރިމަތިން ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު މާއެނބޫދޫއަށް ޖަހައިދިނީ އަހުމަދު ލަޔާނެވެ.
ފުރަތަމަ ހާފު ނިމުނީ 0-1 އިން މާއެނބޫދޫ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާއެނބޫދޫއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ އަލީ ޝާމިއު ދިން ޕާހަކުން ޝައިހާން ކާމިޔާބުކުރި ލަނޑެކެވެ.
ދެ ލަނޑުގެ ލީޑަކާއެކު މާއެނބޫދޫ ކުރީގައި އޮތުމުން، މެޗުގެ ތެރެއަށް އެނބުރި އައުމަށްޓަކައި ކުޑަހުވަދޫއިން ވަނީ މެޗުގެ ފަހުކޮޅު ގޯލްކީޕަރު ކުރިއަށް ނެރެގެން "ޕަވާޕްލޭ" ކުޅެން ފަށައިފައެވެ. ނަމަވެސް، އޭގެ ފައިދާ ނަގައި މާއެނބޫދޫއިން ވަނީ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހޯދުމަށްފަހު، ހުސްކޮށް އޮތް ކުޑަހުވަދޫގެ ގޯލުގެ ތެރެއަށް ދުރުން ފޮނުވާލި ބޯޅައަކުން މި ލަނޑު ޖަހައިދިނީ އަކްރަމް އަހުމަދެވެ.
މި މޮޅާއެކު މާއެނބޫދޫއިން ވަނީ ފަޚުރުވެރިކަމާއެކު ދ. އަތޮޅުގެ ޝީލްޑް އުފުލާލައިފައެވެ. އަލަށް ފެށި އެފްއޭއެމް ފުޓްސަލް އަތޮޅު ޗެމްޕިއަންޝިޕްގެ ދަތުރު މާއެނބޫދޫ އަދި ކުޑަހުވަދޫއިން ވެސް ދެން ކުރިއަށް ގެންދާނީ މުބާރާތުގެ ޒޯން ބުރުގައެވެ.