ކުޅިވަރު
އޭޝިއަން ކަޕް ކޮލިފިކޭޝަން ކުޅުމަށް ޒުވާން ގައުމީ ޓީމު ފުރައިފި
ގައުމީ ޓީމުގެ ކުޅުންތެރިން ފުރަން ތައްޔާރުވެފައި / ފޮޓޯ: ސިޑިބަރި
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމު މިޔަންމާއަށް މިއަދު ފުރައިފިއެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މިޔަންމާގައެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ވަނީ މި ފަހަރުގެ ކޮލިފައިންގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މި ފަހަރުގެ ކޮލިފިކޭޝަން ކުރިއަށްދާނީ ޖުމްލަ ދެ ފޭހަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސް ނުވަތަ "ޑިވެލޮޕްމަންޓް ފޭސް" ގައި ކުޅޭނީ ރޭންކިންގެ ދަށުގައިވާ ޤައުމުތަކުގެ މެދުގައެވެ. އަދި ދެވަނަ ފޭސް ޚާއްޞަކޮށްފައިވަނީ މަތީ ރޭންކިންގެ ޤައުމުތަކަށެވެ.
މި އައު އޮނިގަނޑުގެ ދަށުން ރާއްޖެ ހިމެނިފައިވަނީ ޑިވެލޮޕްމަންޓް ފޭސްގައެވެ. ޖުމްލަ ތިން ގްރޫޕް ހިމެނޭ މި ފޭސްގައި ރާއްޖެ ލައްވާލި ގްރޫޕްގައި ހިމެނެނީ މުބާރާތް ބާއްވާ މިޔަންމާގެ އިތުރުން އަވައްޓެރި ސްރީލަންކާ އަދި ބްރޫނާއީ ދާރުއްސަލާމެވެ. މި ޑިވެލޮޕްމަންޓް ސްޓޭޖުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމަށް، ދެވަނަ ފޭސް ކަމަށްވާ މައި އޭޝިއަން ކަޕް ކޮލިފިކޭޝަން ފޭހުން ޖާގަ ލިބިގެންދާނެއެވެ.
ޒުވާން ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި މި ފަހަރު ހަމަޖައްސާފައިވަނީ އަޙުމަދު ޝާކިރެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖޫނިއާ ޤައުމީ ޓީމުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ޝާކިރުގެ އެސިސްޓެންޓް ކޯޗަކަށް މި ފަހަރު ހަމަޖައްސާފައިވަނީ އިބްރާހީމް ސަޢީދު (ކަކާ) އެވެ. ކަކާ އަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ހުނަރުވެރި ކޯޗެކެވެ.