ދުނިޔެ

ޔުގެންޑާގެ ރަސްގެފާނު އުމުރުން 34 އަހަރުފުޅުގައި އަވަހާރަވެއްޖެ

ޔުގެންޑާގެ ރަސްގެފާނު އުމުރުން 34 އަހަރުފުޅުގައި އަވަހާރަވެއްޖެ

ޔުގެންޑާގެ ރަސްގެފާނު---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޯގަސްޓު 2026، 10:22

29 އޯގަސްޓު 2026، 10:22

ޔުގެންޑާގެ ތޫރޫ ދަރިކޮޅުގެ ރަސްގެފާނު، އޮޔޯ ނިޔިމްބާ، އުމުރުފުޅުން 34 އަހަރުފުޅުގައި އަވަހާރަވެފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ކެލްވިން އަރމްސްޓްރޯންގް އިއުލާނުކުރައްވައިފިއެވެ.

ރަސްގެފާނު އަވަހާރަވިކަން މިދިޔަ ބުރާސްފަތި ދުވަހު އިޢުލާނު ކުރައްވަމުން ބޮޑުވަޒީރު ވަނީ، މިއީ އެ ޤައުމުގެ ޝާހީ ޢާއިލާއަށާއި ތޫރޫ ދަރިކޮޅަށް ލިބިގެންދިޔަ ބަޔާން ނުކުރެވޭ ފަދަ ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާފައެވެ. އަދި މި މިފަދަ ހިތާމަވެރި ދަނޑިވަޅެއެއްގައި އެއްބައިވަންތަކަމާއި މަޑުމައިތިރިކަން އިސްކޮށް، ދުޢާކުރުންމަތީ ދެމިތިބުމަށް އެ ޤައުމުގެ ރައްޔިތުންނަށް އޭނާ ގޮވާލެއްވިއެވެ. 

ރަސްގެފާނު އޮޔޯ އަވަހާރަވި ސަބަބު އެ ޤައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ޔުގެންޑާ ސަރުކާރުގެ ވަޒީރަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އާލާސްކަންފުޅެއްގައި އެމަނިކުފާނުގެ ހާލުފުޅު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އެކަމާއި ގުޅިގެން އެމަނިކުފާނު ގެންދެވީ އެމެރިކާގައި ފަރުވާ ހޯއްދަވަމުންނެވެ.

ރަސްގެފާނު އޮޔޯ ތަހުތާއި ހަވާލުވެވަޑައިގެންނެވީ 1995 ވަނަ އަހަރު، އުމުރުފުޅުން އެންމެ 3 އަހަރުގައެވެ. އެމަނިކުފާނު ވަނީ ދުނިޔޭގެ އެންމެ ހަގު އުމުރުގައި ތަހުތަށް އިސްކުރެވުނު ރަސްގެފާނުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން ޖާގަ ހޯއްދަވާފައެވެ. 

ރަސްގެފާނު އޮޔޯ އަވަހާރަވުމުން، ދެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އަމީރެއް ހާމަކުރާނީ އެ ދަރިކޮޅުގެ އުސޫލުތަކާއި ސަގާފީ ހަމަތަކުގެ މަތިން އައު ވެރިޔަކު ކަނޑައެޅުމަށް ފަހުގައެވެ.

ޔުގެންޑާއަކީ އިންތިޚާބުކުރެވޭ ރައީސަކު ވެރިކަންކުރާ ޖުމްހޫރިއްޔާއެކެވެ. އެހެން ނަމަވެސް، އިސްތިއުމާރުގެ ކުރިން އޮތް ފަދަ ސަގާފީ އެތައް ރަސްކަމެއް އަދިވެސް އެ ގައުމުގައި އެބައޮތެވެ. މި ރަސްކަންތަކުގައި އޮންނަނީ ހަމައެކަނި ރަމްޒީ ސިޔާސީ ބާރެއް ނަމަވެސް، ސަގާފީ އަދި އިޖުތިމާއީ ގޮތުން އެ ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450