ރިޕޯޓް
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 10.4 އިންސައްތަ އިތުރުވެއްޖެ
ސިކްސް ސެންސަސް ކަނުހުރާ ރިޒޯޓު - ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން---
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރުވެފައިވާކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ފާއިތުވެދިޔަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުންނެވެ.
އެ ރިޕޯޓުން ދައްކާގޮތުގައި، 20 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.00 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ބާރަކަށްވީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީއެވެ.
ޓީ.ޖީ.އެސް.ޓީ އަކީ ދައުލަތުގެ އާމްދަނީގެ މައިގަނޑު އެއް ބައިގެ ގޮތުގައި ދެމިއޮތްއިރު، 20 އޯގަސްޓް 2026 ގެ ނިޔަލަށް މި ދާއިރާއިން 7.39 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 6.88 ބިލިއަން ރުފިޔާއަށްވުރެ 512.1 މިލިއަން ރުފިޔާ ނުވަތަ 7.4 އިންސައްތަ އިތުރު އަދަދެކެވެ.
ޓީ.ޖީ.އެސް.ޓީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު ލިބުނު 4.60 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރު 5.55 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 944.3 މިލިއަން ރުފިޔާ ނުވަތަ 20.5 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސް 7.1 އިންސައްތަ އިތުރުވެ 2.86 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސް 10.2 އިންސައްތަ އިތުރުވެ 924.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ވިޔަފާރިއާއި މުދަލުގެ އެހެނިހެން ޓެކުހުން ލިބުނު އާމްދަނީ 87.9 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން އިމްޕޯޓް ޑިއުޓީ 16.6 އިންސައްތަ އިތުރުވެ 2.19 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ޖީ.އެސް.ޓީ 10.8 އިންސައްތަ އިތުރުވެ 3.53 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސް 6.2 އިންސައްތަ އިތުރުވެ 1.40 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސް ވަނީ 13.4 އިންސައްތަ އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 1.27 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުދަލުން ލިބުނު އާމްދަނީ 31.9 އިންސައްތަ އިތުރުވެ 1.68 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ދެގުނައަށްވުރެ އިތުރުވެ، 105.7 އިންސައްތައިގެ ކުރިއެރުމަކާއެކު 455.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 28.74 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 24.09 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 25.00 ބިލިއަން ރުފިޔާ (20.8 އިންސައްތައިގެ އިތުރުވުމެއް) ހޭދަކޮށްފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ (10.2 އިންސައްތައިގެ އިތުރުވުމެއް) ވަނީ ހޭދަކޮށްފައެވެ.
ރިކަރަންޓް ޚަރަދުތަކުގެ ތެރެއިން ފާއިތުވެދިޔަ ހަފުތާގައި އެންމެ ބޮޑަށް އިތުރުވެފައިވަނީ ކައުންސިލްތަކަށް ދޭ ގްރާންޓެވެ. ކައުންސިލް ގްރާންޓްގެ ގޮތުގައި ޖުމްލަ 1.66 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 227.2 މިލިއަން ރުފިޔާ ނުވަތަ 15.8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން މުސާރައާއި އިނާޔަތްތަކަށް 9.39 ބިލިއަން ރުފިޔާ (11.1 އިންސައްތަ އިތުރު)، އަދި އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 15.54 ބިލިއަން ރުފިޔާ (27.0 އިންސައްތަ އިތުރު) ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ އެހީއާއި ސަބްސިޑީގެ ޚަރަދުތައް 43.0 އިންސައްތަ އިތުރުވެ 8.47 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 76.3 އިންސައްތަ އިތުރުވެ 3.54 ބިލިއަން ރުފިޔާއަށް އަދި އާސަންދައަށް ކުރި ޚަރަދު 13.5 އިންސައްތަ އިތުރުވެ 1.43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ކެޕިޓަލް ޚަރަދުގެ ދަށުން، އިންފްރާސްޓްރަކްޗަރ ވަސީލަތްތަކަށް 3.26 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ހޭދަކުރި 2.99 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.1 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރި ޚަރަދު 47.1 އިންސައްތަ އިތުރުވެ 1.20 ބިލިއަން ރުފިޔާއަށް އަދި ފާލަންތަކާއި ބަނދަރު ހެދުމަށް ކުރި ޚަރަދު 63.9 އިންސައްތަ އިތުރުވެ 284.5 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ނަމަވެސް، މަގުތަކާއި ބްރިޖް އަދި އެއާޕޯޓްތަކަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32.1 އިންސައްތަ ދަށްވެ، 961.3 މިލިއަން ރުފިޔާއަށް މަދުވެފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައިގަނޑު ޓެކްސްތަކުން ލިބޭ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ އާމްދަނީ ދަނީ އަހަރުން އަހަރަށް ކުރިއަރަމުންނެވެ. ހަމައެއާއެކު ކައުންސިލް ގްރާންޓްތަކާއި، އާންމު ހިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ކުރާ ހޭދަވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.