Ads by Farudhun

ޚަބަރު

ހުޅުމާލޭގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުންނާއި އެޗްޑީސީން މަޝްވަރާކޮށްފި

ހުޅުމާލޭގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުންނާއި އެޗްޑީސީން މަޝްވަރާކޮށްފި

މި މަޝްވަރާގެ ތެރެއިން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

31 އޯގަސްޓު 2026، 11:08

31 އޯގަސްޓު 2026، 11:08

ހުޅުމާލޭގައި މަގުމަތީގެ އެކްސިޑެންޓުތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ، އެކްސިޑެންޓުތައް މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހުޅުމާލެ ޕޮލިހާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިހުގައި ބޭއްވި މި ބައްދަލުވުމުގައި ހުޅުމާލެ ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޚަލީލްއާއި، ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ހަނީފްއާއި އެހެނިހެން ފުލުހުން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން އެޗްޑީސީގެ ޕްލޭނިންގ ހެޑް އަޙްމަދު ޝާހިދުއާއި އެ ކޯޕަރޭޝަންގެ އިސްވެރިން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި، އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތަކުގެ މައުލޫމާތު ހިއްސާކޮށް، އެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތައް މަދުކުރުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި އިންޖިނިއަރިންގ، އެންފޯސްމަންޓް އަދި އެޑިއުކޭޝަން ހިމެނޭހެން މައިގަނޑު ތިން ދާއިރާއަކުން މަސައްކަތް ކުރުމަށް ހިޔާލު ބަދަލުކުރެވުނެވެ.

މީގެއިތުރުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފުވެ ބާރަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން އަވަސްކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. އަދި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި، ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގެ ސަރަހައްދުތަކުގައި ޓްރެފިކް މެނޭޖުކުރުން އިތުރަށް ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތަކާމެދު ވެސް ވާހަކަދެކެވުނެވެ.

އެހެނިހެން ކަންކަމުގެ ތެރޭގައި ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމަތި، ކަފިހިހުރަސް އަދި ދުވާރުމަތީގައި ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފައެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުން މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ މަގުތަކަކީ އެންމެންނަށް ވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450