ޚަބަރު
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރަމުންދިޔަ 6 ބިދޭސީން---
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އަދި އެއްވެސް ހުއްދައެއް ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ 6 ބިދޭސީއަކު، ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑިޓެއިންކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދައި ދެނެގަނެ، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުންގެ ތަހުޤީޤަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި 6 ބިދޭސީންގެ އެކައުންޓްތަކުގައި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 54،429،550.00ރ (ފަންސާސް ހަތަރު މިލިއަން ހަތަރު ލައްކަ ނަވާވީސް ހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) އާއި، 1،627،810 ޔޫއެސް ޑޮލަރު (އެއް މިލިއަން ހަސަތޭކަ ހަތާވީސް ހާސް އަށްސަތޭކަ ދިހަ ޑޮލަރު) ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މި ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތްކުރުމަށް ހުއްދަ ދެވިފައިވާ ދާއިރާގެ ބޭރުން، ޤަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ބައެއްކަންވެސް ވަނީ އެނގިފައެވެ.
މީގެއިތުރުން ފުލުހުން ފާހަގަކުރެއްވި ގޮތުގައި، ޓާސްކްފޯސްއިން އެއްކުރި މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި، ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރިތައް، ބިދޭސީން އިސްވެ ހިންގާ މިފަދަ ޣައިރުޤާނޫނީ އަމަލުތަކުން ހޯދާ ފައިސާ ދައުރުކުރުމަށް ދޫކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް، އެހެން ފަރާތަކުން ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ އެކައުންޓެއްގެ ވެރިފަރާތުގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ހަނދާންކޮށްދިނެވެ. އަދި އެއްވެސް ފަރާތަކަށް ޤާނޫނާ ޚިލާފު ކަންކަމުގައި ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް ގެއްލުންވާ ގޮތަށް ޤަވާއިދާ ޚިލާފަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށާއި، އެކަމުގައި ބައިވެރިވާ ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާނެ ކަމަށެވެ.